ޚަބަރު

ކަރަންޓު ބިލު އަދިވެސް ބޮޑުތަ؟ މިއޮތީ ހައްލެއް!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އާންމުގޮތެއްގައި ހޫނު މޫސުމާ ދިމާކޮށް ގޭބިސީތަކުގެ ކަރަންޓު ބިލު ބޮޑުވާ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން އީކުއަލް ޕޭމެންޓްގެ ޕްލޭނެއް ތައާރަފް ކޮށްފިއެވެ.

Ads by STELCO

މިޕްލޭނާ ގުޅޭ ގޮތުން ސްޓެލްކޯ އިން ވިދާޅުވީ "އީކުއަލް ޕޭމަންޓް ޕްލޭން" އަކީ ގޭބިސީތަކުން ކަރަންޓު ބޭނުން ކުރާ ނިސްބަތުގެ އެވަރޭޖަށް ބަލައި، ކޮންމެ މަހަކުވެސް އެއް އަދަދަކުން ފައިސާ ދެއްކޭނެ ގޮތަށް ތައްޔާރު ކޮށްފައިވާ ޕްލޭނެއް ކަމަށެވެ. މި ހަމައެކަނި އާންމު ގޭބިސީތަކަށް ބައިވެރިވޭ ގޮތަށް ތައާރަފުކުރި މި ޕްލޭނުގެ ދަށުން ކޮންމެ މަހެއްގެ މައްޗަށް ދައްކަންޖެހޭނީ އެއް އަދަދެއް ކަމަށް ސްޓެލްކޯއިން ހާމަ ކޮށްފައި ވެއެވެ.

މިޕްލޭނު ތައާރަފް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުގުނީ ވިދާޅުވީ ވޭތުވެދިޔަ ދެ އަހަރު ކަސްޓަމަރުންގެ ފަރާތުން ލިބުނު ފީޑްބެކަށް ބަލާއިރު، ކަސްޓަމަރުން އެފަދަ ޕްލޭނެއް ބޭނުންވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

ބޭރު ގައުމުތަކުގައި މިހާރުވެސް މި ޕްލޭން ބޭނުން ކުރަމުންދާ ކަމަށާއި މިއީ ރާއްޖޭގައި ޔުޓިލިޓީ ކުންފުންޏަކުން މިފަދަ ޕްލޭނެއް ތައާރަފުކުރި ފުރަތަމަ ފަހަރު ކަމަށް ވެސް މުގުނީ ވިދާޅުވިއެވެ.

ސްޓެލްކޯއިން ބުނި ގޮތުގައި، އީކުއަލް ޕޭމަންޓް ޕްލޭންގައި ބައިވެރިވެވޭނީ މީގެކުރިން ނުދައްކާ ހުރި ބިލްތަކަށްވާ ފައިސާ ދައްކާ ނިންމުމަށް ފަހުގައެވެ. އަދި ހިދުމަތް ހޯދޭނީ ކަރަންޓުގެ ހިދުމަތަށް ގޭބިސީއަކުން މަސްއޫލުވެރިވާ ފަރާތެއް ނުވަތަ އިމާރާތުގައި ކުއްޔަށް އުޅޭ ފަރާތެއްނަމަ އިމާރާތުގެ ވެރިފަރާތުގެ ހުއްދާއާއެކުގައި ކަމަށް ވެސް ސްޓެލްކޯއިން މައުލޫމާތު ދެއެވެ.

އީކުއަލް ޕޭމަންޓް ޕްލޭންގައި މީގެ ދަށުން ދިގުމުއްދަތަކަށް ބިލްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއްވެސް ގާއިމުވެގެން ދާނެކަމަށް ސްޓެލްކޯއިން ވަނީ ވިދާޅުވެފައެވެ.

މިޕްލޭންގައި ބައިވެރިވާ ކަސްޓަމަރުން ކޮންމެ މަހަކުވެސް ކަރަންޓު ބިލަށް ދައްކަން ޖެހޭނީ އެއްބަސްވެވޭ އަދަދެކެވެ. އެއްބަސްވެވޭ އަދަދު ކަނޑައަޅާނީ އެގޭބިސީއެއްގެ ކަރަންޓު ޔޫސޭޖް ނުވަތަ ކަރަންޓު ބޭނުންކުރާ މިންވަރުގެ އެވްރެޖް އަދަދަށް ބަލައިގެންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!