ޚަބަރު

ކާޕެޓު ރޯލުގެ ދަށުވި ޒުވާނާ ނިޔާވެއްޖެ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

އެމްޕީއެލް ސަރަހައްދުގައި މިމަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ ގައި މައްޗަށް ކާޕެޓް ރޯލެއްގެ ދަށުގެ، އަނިޔާވި ޒުވާނާ ނިޔާވެއްޖެއެވެ.

Ads by STELCO

ޒުވާނާ ނިޔާވެފައި ވަނީ އިންޑިއާގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން ދަނިކޮށެވެ.

އެމްޕީއެލް ސަރަހައްދުގައި ހިނގި ނުރައްކާތެރި ހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބުމުގެ ސަބަބުން ފަރުވާ ދެމުން ދަނިކޮށް ނިޔާވީ ހދ. ނޮޅިވަރަމް، ނައިޓް ޑްރީމް، އުމުރުން 28 އަހަރުގެ އިމްރާން އަލީއެވެ.

އޭނާއަށް ސީރިއަސް އަނިޔާތަކެއް ލިބުމާ ގުޅިގެން އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާއަށް އިންޑިއާއަށް ގެންގޮސްފައި ވަނީ މިދިޔަ ހޯމަ ދުވަހުއެވެ.

މި ހާދިސާއާ ގުޅިގެން އެމްޕީއެލް އިން ނެރުނު ނޫސް ބަޔާނުގައި ބުނީ މާލޭ ވިޔަފާރި ބަނދަރުގައި 4 ފެބްރުއަރީ 2021 ވަނަ ދުވަހުގެ ރޭގެ ދަންވަރުގެ ވަގުތެއްގައި ހިނގި ހާދިސާއެއް ގައި، "މިނާ އިންވެސްޓްމަންޓް" ކްލިއަރަންސް ގުރޫޕްގެ މަޖޫރީއަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށާއި މި ހާދިސާ، އެމްޕީއެލްގެ އެކްސިޑެންޓް އެންޑް އިންވެސްޓިގޭޝަން ކޮމެޓީން ތަހުޤީގްކުރަން ފަށާފައިވާ ކަމަށެވެ.

މީގެ އިތުރުން މި ބަޔާނުގައި ބުނެފައި ވަނީ ހާދިސާގެ ތަހުޤީގުން ވަކި ގޮތެއް ކަނޑައަޅަންދެން، މިނާ އިންވެސްޓްމަންޓް ގުރޫޕާއި، ހާދިސާއާ ގުޅުންހުރި އޮޕަރޭޝަންސްގައި މަސައްކަތް ކުރަމުން ދިޔަ އެމްޕީއެލްގެ މުވައްޒަފުން ސަސްޕެންޑް ކުރުމަށް ކޮމެޓީން ނިންމާފައިވާ ކަމަށެވެ.

މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވާ، ފާފަ ފުއްސަވާ ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މި ހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!