އަލީ ވަހީދުގެ ޕާސްޕޯޓު ދޫކުރި ފަނޑިޔާރުގެ މައްސަލަ ބަލަނީ
ޖިންސީ ގޯނާ ކުރިކަމުގެ ދައުވާ އުފުލިފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން ނެރެފައި އޮތް އަމުރު ބާތިލު ކުރި މައްސަލައާ ގުޅިގެން އެ އަމުރު ނެރުއްވި ކްރިމިނަލް ކޯޓްގެ ގާޒީ ހަސަން ސައީދުގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ނިންމައިފިއެވެ.
އެނގިފައިވާ ގޮތުގައި މިމައްސަލަ ބަލަން އެކޮމިޝަނަށް ހުށަހަޅާފައި ވަނީ ޕްރޮސެކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހުންނެވެ.
މިކަމާ ގުޅޭ ގޮތުން ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކްރިމިނަލް ކޯޓްގައި ހިނގަމުންދާ ގަޒިއްޔާތަކެއްގައި ދައުވާ ލިބޭ މީހާ ފުރުން މަނާ ކުރުމަށް ނެރެފައިވާ އަމުރެއް ބާތިލު ކުރުމަށް އެ ކޯޓްގެ ގާޒީ ހަސަން ސައީދު އަމުރު ނެރުމުގައި ފާޅުކަން ބޮޑު ގޮތެއްގައި ގާނޫނު އަސާސީއާ ގާނޫނުތަކާއި ކަނޑައެޅިފައިވާ އިޖުރާއަތްތަކާ ހިލާފަށް އަމަލު ކޮށްފައިވާ ކަމަށާއި އެ އަމުރު ނެރުމުގައި ދައުވާ ލިބޭ ފަރާތުގެ މައްޗަށް ގާނޫނު ހިންގުމަށް ހުރަސްއެޅޭ ގޮތަށް އަދި ޖިނާއީ ދައުވާ ލިބޭ އެހެން ފަރާތްތަކާ މެދު އަމަލު ކުރާ ގޮތާ ތަފާތު ގޮތަކަށް ކަން ކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން، އެ އަމުރު ނެރުމުގައި އަދުލު އިންސާފު ގާއިމު ކުރުމުގެ ބާރު ނަހަމަ ގޮތުގައި ބޭނުންކޮށް ދައުވާ ލިބޭ ފަރާތަށް ނާޖައިޒު މަންފާ ހޯދައިދިން ކަމަށް ބެލެވޭ ސުލޫކީ މައްސަލައެއް ޖޭއެސްސީގެ "މައްސަލަ ބެލުމާމެދު ގޮތް ނިންމާ ކޮމެޓީ" އިން ތަހުގީގު ކުރަން ނިންމާފައިވާ ކަމަށާއި ފަނޑިޔާރު ހަސަންގެ މައްސަލަ ބެލުމަށް ތަހުގީގު ކޮމެޓީއެއް އެކުލަވާލާފައިވާ ކަމަށް ވެސް ޖޭއެސްސީގެ ބަޔާނުގައި ބުނެފައިވެއެވެ.