ޚަބަރު

ކޮވިޑް-19: ރާއްޖޭގައި ވެކްސިންގެ ދެވަނަ ޑޯޒް ދެނީ އަށް ހަފްތާ ފަހުން

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ވެކްސިން ޖެހުމުގެ ކުރިން މަޢުލޫމާތު އެއްކުރަނީ.. ދެން އިމޭޖްްސް/އިބްރާހީމް ޝަމްވީލް

ރާއްޖޭގައި ކޮވިޑް-19 އިން ރައްކާތެރިވުމަށް ވެކްސިންގެ ދެވަނަ ޑޯޒް ދޭނީ ފުރަތަމަ ޑޯޒް ދިންތާ އަށް ހަފްތާ ފަހުން ކަމަށް ނިންމައިފިއެވެ.

Ads by MWSC

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން މިރޭ ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ ފުރަތަމަ ޑޯޒް ދިނުމަށްފަހު ދެވަނަ ޑޯޒް ދޭނީ އަށް ހަފްތާ ފަހުން ކަމަށް ނިންމީ ރާއްޖޭގެ ޓެކް ޓީމާއި ޑަބްލިއުއެޗްއޯގެ އިރުޝާދުތަކަށް ބެލުމަށްފަހު ކަމަށެވެ.

ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ، ދެވަނަ ޑޯޒް ޖެހުން އެންމެ ރަނގަޅީ 8 ހަފްތާއާއި 12 ހަފްތާއާ ދެމެދު ކަމަށެވެ. އަދި، އެއްވެސް ހާލަތެއްގައި 12 ހަފްތާއަށްވުރެ ލަސްވެއްޖެ ނަމަވެސް ވެކްސިން ޖަހަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން، ދިމާވާ ހާލަތެއްގެ ސަބަބުން 8 ހަފްތާއަށްވުރެ އަވަހަށް ވެކްސިން ޖަހަން ބޭނުންވާ ފަރާތްތައް ވެސް ތިބެދާނެ ކަމަށާއި އެކަމާ ގުޅޭގޮތުން އަދި ވަކި ގޮތެއް ނުނިންމާކަމަށް ޑރ. ނަޒްލާ މުސްތަފާ ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީޤު ވެސް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވެކްސިން ކޮވިޑަށް ޝިފާއެއް ނޫން ކަމަށާއި އެއީ ބައްޔާ ދުރު ކޮށްދޭނެ އެއްޗެއްކަން ހަނދާން ކޮށްދޭ ކަމަށެވެ. އަދިވެސް ގައިދުރުކަން އިސްކޮށް މާސްކް އަޅައި އަތް ދޮވުމަށް ސަމާލުކަން ދޭން ޖެހޭ ކަމަށް ނަޒްލާ ހަނދާން ކޮށްދެއްވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!