ދީން

ރޯދަވެރީން "އައްރައްޔާން"އޭ ކިޔުނު ދޮރުކޮޅުން ސުވަރުގެ ވަންނާނެއެވެ.

އާއިޝަތު އަލީނާ ، ދެން އޮންލައިން

މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަހާ ބައްދަލު ކުރަން ދެން އޮތީ 52 ދުވަހެވެ. ރަޙުމަތާއި ބަރަކާތުން ފުރިގެންވާ އެ މައްސަރާ ، އެންމެ ހެޔޮ ޙާލުގައި އަޅަމެން ބައްދަލު ކުރުމުގެ ހެޔޮ ނަސީބު މިންވަރު ކުރައްވާށިއެވެ! އާމީން!

Ads by STELCO

ރަމަޟާން މަހަކީ ފާފައިން ކަޅު ވެފައިވާ ހިތްތަކަށް އޮތް ދިންނެވުމެކެވެ. ރަޙުމަތާއި ބަރަކާތް އެދޭ ކޮންމެ މީހަކަށް އޮތް ފުރުސަތެކެވެ. ނަރަކައިން މިންޖުވާން އެދޭ އަޅުތަކުންނަށް އޮތް ފުޅާ މަގެކެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. “إِذَا كَانَ أَوَّلُ لَيْلَةٍ مِنْ شَهْرِ رَمَضَانَ، صُفِّدَتِ الشَّيَاطِيْنُ وَمَرَدَةُ الْجِنِّ، وَأُغْلِقَتْ أَبْوَابُ النَّارِ، فَلَمْ يُفْتَحْ مِنْهَا بَابٌ، وَفُتِحَتْ أَبْوَابُ الْجَنَّةِ فَلَمْ يُغْلَقْ مِنْهَا بَابٌ، وَيُنَادِيْ مُنَادٍ: يَا بَاغِيَ الْخَيْرِ أَقْبِلْ، وَيَا بَاغِيَ الشَّرِّ أَقْصِرْ. وَلِلَّهِ عُتَقَاءُ مِنَ النَّارِ وَذَلِكَ كُلُّ لَيْلَةٍ ” (رَوَاهُ التِّرْمِذِيُّ وَابْنُ مَاجَه)

މާނައީ”ރަމަޟާންމަހުގެ ފުރަތަމަ ދުވަހުގެ ރޭ ނުބައި ނުލައިފާ ޖިންނި ޝައިޠާނުން ކަސްތޮޅު އެޅުވޭ ހުއްޓެވެ. އަދި ނަރަކައިގެ ދޮރުތައް ބަންދު ކުރެވޭ ހުއްޓެވެ. އެއިން އެއްވެސް ދޮރެއް ނުހުޅުވޭ ހުއްޓެވެ. އަދި ސުވަރުގޭގެ ދޮރުތައް ހުޅުވޭ ހުއްޓެވެ. އެއިން އެއްވެސް ދޮރެއް ބަންދު ނުކުރެވޭ ހުއްޓެވެ. އަދި ﷲ ގެ އަމުރުފުޅަށް މަލާއިކަތް ބޭކަލަކު ގޮވާލައްވާނެއެވެ. އޭ ހެޔޮކަންތަކަށް އެދޭ މީހާއެވެ! ހެޔޮކަންތަކާވީ ފަރާތަށް އަވަސް ވެގަންނާށެވެ! ނުބައިކަންތައް ކުރާ މީހާއެވެ! ތިޔަ ކަންތައްތަކުން ދުރުވެގަންނާށެވެ! އަދި އެމަހުގެ ކޮންމެ ރެއަކު، ﷲ ނަރަކައިން ބަޔަކު މީހުން މިންޖު ކުރައްވާ ހުއްޓެވެ”.

މިފަދަ މަތިވެރި ކަމެއް ދެއްވާފައިވާ މި ބަރަކާތްތެރި މައްސަރާ ކުރިމަތިލާއިރު އަހަރެމެންގެ ހިތް ނިޔަތް ޚާލިޞް ކުރަން ޖެހެއެވެ. އިޚްލާޞްތެރި ތައުބާއަކުން ތައުބާވެ ހެޔޮ ޢަމަލުތައް ކުރުން މަތީ ދެމި ހުންނަން ޖެހެއެވެ. ހަމައެހެންމެ އެ މަހުގެ ދިންނެވުމާއި މަޣްފިރަތް ދެއްވުމުގެ އުއްމީދުގައި ، އެކަމަށް އެދި ދުޢާ ކުރުމަށް އިސްކަން ދޭން ޖެހެއެވެ. އެހެނީ ރޯދަވެރީންނަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި ޚާއްޞަ މެހެމާނުންތަކެކެވެ. އެ މެހެމާނުންނަށް މަރުޙަބާ ކިޔުމަށް ސުވަރުގޭގައި ވަނީ ޚާއްޞަ ދޮރުކޮޅެއް ލައްވާފައެވެ.

ރޯދަވެރިޔާ ، އޭނާގެ ވެރި ރައްބު ، ﷲ ތަޢާލާއާ ބައްދަލު ކުރާ ހިނދު އޭނާގެ ރޯދައިގެ އަޖުރު ފުރިހަމަވެ ގިނަވެފައިވާ ހާލު ފެންނާނެއެވެ. އެހިނދު ގޮވާލާ މީހަކު ގޮވާލާނެއެވެ.

((أَيْنَ الصَّائِمُونَ لِيَدْخُلُوا الجَنَّةَ مِنْ بَابِ الريَّانِ الذِي لا يَدْخُلُهُ أَحَدٌ غَيْرُهُمْ)) [10]

މާނައީ: “ރޯދަވެރިން ކޮބައި ހެއްޔެވެ؟ ރޯދައިގެ ސަބަބުން ރައްޔާން އޭ ކިޔުނު ދޮރުކޮޅުން އެބައިމީހުން ސުވަރުގެ ވަންނާށެވެ. އެބައިމީހުން ފިޔަވާ އެހެންބަޔަކު އެ ދޮރުކޮޅަކުން ނުވަންނަ ހުއްޓެވެ.”

ސުބުހާނަﷲ! ﷲގެ ފުއްސެވުމާއި ދެއްވުމުގެ ދީލަތިވަންތަކަމާއެވެ! މި ފުރުސަތު ހޯދާ ބަޔަކަށް އަޅަމެން ވަމާތޯއެވެ. ފަރުޟު ރޯދައަކީ ރަމަޟާން އެކަނި ނަމަވެސް އަޅަމެންނީ ރޯދަ ހިފުމަށް ލޯބިކުރާ އެ ޢަމަލުގައި ދެމި ތިބޭ ބަޔަކަށް ވަމާ ހެއްޔެވެ؟ ރޯދައިގެ މަދަރުސާއިން އަޅަމެންގެ އާއިލީ ގުޅުންތައް ވެސް ބަދަހިކޮށް އިސްލާމީ ވެއްޓެއް އާއިލާ ތެރޭގައި ވެސް އާލާ ކުރަމާ ހެއްޔެވެ؟

عن النَّبِيِّ ﷺ قَالَ: إِنَّ فِي الجَنَّة بَابًا يُقَالُ لَهُ: الرَّيَّانُ، يدْخُلُ مِنْهُ الصَّائمونَ يومَ القِيامةِ 

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. " އައްރައްޔާންއޭ ކިޔުނު ދޮރުކޮޅެއް ސުވަރުގޭގައި ވެއެވެ. ޤިޔާމަތް ދުވަހުގައި ރޯދަވެރީން އެ ދޮރުކޮޅުން ސުވަރުގެ ވަންނާނެއެވެ."

ޔާ ﷲ! ރައްޔާންގެ އަހުލުވެރީންގެ ތެރޭގައި އަހުރެމެން ލައްވާށިއެވެ. އާމީން!

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!