ޚަބަރު

ވެކްސިން ޖަހައިގެން ނިޔާވި މީހާގެ އަނބިމީހާވެސް ނިޔާވެއްޖެ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން
ވެކްސިން ޖެހުމުގެ ކުރިން މަޢުލޫމާތު އެއްކުރަނީ.. ދެން އިމޭޖްްސް/އިބްރާހީމް ޝަމްވީލް

ކޮވިޑް-19 ވެކްސިން ޖަހައިގެން އިއްޔެ ނިޔާވި މީހާގެ އަނބިމީހާ ވެސް ނިޔާވެއްޖެއެވެ.

Ads by MWSC

އޮންލައިން ނޫހެއް ކަމަށްވާ "ވަގުތު" ގައި ރިޕޯޓުކޮށްފައިވާ ގޮތުގައި މިއަދު ނިޔާވީ އިއްޔެ ނިޔާވި މީހާގެ އަނބިމީހާއެވެ. މި މީހާއަށް ވެކްސިން ޖަހާފައި ވަނީ މި މަހުގެ 17 ވަނަ ދުވަހުއެވެ.

އޭނާއަށް ވެކްސިން ޖެހި ފަހުން ހުން އައިސް ބަލިވިއިރު، އޭނާގެ ހާލު ސީރިއަސްވެގެން ގައްދޫ ސިއްހީ މަރުކަޒަށް ގެންގޮސްފައިވަނީ މިއަދު ހެނދުނު ކަމަށާއި އޭނާ ނިޔާވެފައި ވަނީ ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންދަން މަސައްކަތް ކުރަމުން ދަނިކޮށް ކަމަށްވެސް އެނޫހުން ރިޕޯޓުކުރެއެވެ.

މިއަދު ނިޔާވީ އުމުރުން 82 އަހަރުގެ މީހެކެވެ.

އިއްޔެ ގދ.ގައްދޫއިން ނިޔާވެފައި ވަނީ ވެސް މިމަހުގެ 17 ވަނަ ދުވަހު ވެކްސިން ޖެހި މީހެކެވެ. މިމީހާއަކީ މުސްކުޅި ބަލީގައި އެނދުމަތި ވެފައި އޮންނަތާ 10 އަހަރު ވެފައިވާ މީހެއް ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ވެކްސިން ޖެހުމަށްފަހު އިއްޔެ ނިޔާވި މީހާގެ މަރާ ގުޅިގެން، ޕްރޮޓޮކޯލްގެ ދަށުން މަރުވި ސަބަބު ހޯދުމަށް މިހާރު ތަޙްޤީޤެއް ކުރިޔަށް ގެންދާ ކަމަށާއި ތަޙްޤީޤު ނިމުމުން ތަފްސީލް ހާމަ ކުރައްވާނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

އަދި ވެކްސިން ޖަހާ މީހުން އިތުރު ބަލިތަކާއި އިތުރު ސަބަބުތަކާ ހުރެ ނިޔާ ވެދާނެ ކަމަށްވެސް އެޗްޕީއޭއިން އިއްޔެ ބުނެފައިވެއެވެ.

ވެކްސިން ޖަހައިގެން ދެވަނަ އަށް ނިޔާވި މީހާގެ ތަފްސީލް މިހާތަނަށް އެޗްޕީއޭއިން ހާމަ ކޮށްފައެއް ނުވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!