ގައްދޫން މިރޭ ނިޔާވީ ފިނޭންސް މިނިސްޓަރު އަމީރުގެ މާމަ

ކޮވިޑް-19 އިން ދިފާއުވުމަށް ދޭ ވެކްސިން ޖެހި ފަހުން ގދ. ގައްދޫން މިރޭ ނިޔާވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުގެ މާމަ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
މިރޭ ނިޔާވެފައި ވަނީ އުމުރުން 84 އަހަރުގެ އަންހެނެކެވެ. އޭނާއަކީ ކޮވިޑުން ރައްކާތެރިވުމަށް ވެކްސިން ދިން ފަހުން އިއްޔެ ނިޔާވި 93 އަހަރުގެ ފިރިހެން މީހާގެ އަނބިމީހާއެވެ.
އެ ދެމަފިރިންނަކީ މިނިސްޓަރ އަމީރުގެ ބައްޕަ ފަރާތު ކާފަ އާއި މާމަކަން ވަނީ އެނގިފައެވެ. އަދި އެކަން މިނިސްޓަރ ވަނީ އޮންލައިން ނޫހަކަށް ކަށަވަރު ވެސް ކޮށްދެއްވާފައެވެ.
އިއްޔެ ނިޔާވި ފިރިހެންމީހާ އަކީ ފާއިތުވީ 10 އަހަރު އެނދުމަތިކޮށްގެން ފަރުވާދެމުން ދިޔަ އުމުރުން ދުވަސްވީ މީހެކެވެ. އެމީހާއަށް މިމަހުގެ 17 ވަނަ ދުވަހު ވެކްސިން ދީފައިވާއިރު، އޭނާ ނިޔާވީ ވެކްސިންގެ ސަބަބުންތޯ ނުވަތަ ނޫންތޯ ބެލުމުގެ ތަހުގީގެއް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ދަނީ ކުރަމުންނެވެ.
މާތް ﷲ އެމައްޔިތުންގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވާ، ފާފަ ފުއްސަވާ ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މިފަދަ ހިތްދަތި ވަގުތެއްގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ.އާމީން!
إِنَّا لِلّهِ وَإِنَّـا إِلَيْهِرَاجِعُون