ވެކްސިން ޖެހުން ލަސްވާތީ 65 އަހަރުން މަތި ކަމަށްބުނެ އުމުރު އޮޅުވާލައިފި
ވެކްސިން ޖެހުން ލަސްވާތީ ކެލިފޯނިއާގެ ދެ މީހަކު އުމުރު ދޮށިކޮށް އޮޅުވާލައިގެން، ވެކްސިން ޖެހުމަށް މަސައްކަތް ކޮށްފިއެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި މި ދެމީހުން ވަނީ މުސްކުޅި ބައެއް ގޮތަށް ހެދުން އަޅާ ވެކްސިން ޖަހަން ގޮސްފައެވެ. އެހެން ނަމަވެސް އެކަން ފަޅާ އަރައި އެމީހުންނަށް އިންޒާރު ދިނުމަށްފަހު ވަނީ ފޮނުވާލައިފައެވެ.
މީޑީއާތަކުން ރިޕޯޓް ކުރާ ގޮތުގައި މި ދެ އަންހެނުން އެމީހުންގެ ވެކްސިން ރެޖިސްޓްރޭޝަންގައި ލިޔެފައި ވަނީ އެމީހުންނަކީ 65 އަހަރުން މަތީ ބައެއް ކަމަށެވެ. އަދި އެތަނުން އެކަކު ވެކްސިންގެ އެއް ޑޯޒް ޖެހި ކަމަށް ވެސް ބައެއް މީޑިއާ ރިޕޯޓްތަކުގައި ބުނެފައިވެއެވެ.
ވެކްސިން ރެޖިސްޓްރޭޝަންގައި އެމީހުންގެ އުމުރު އޮޅުވާލައިފައިވާއިރު އެމީހުންގެ އުފަން ދުވަހުގެ ސެޓްފިކެޓާއި ރެޖިސްޓްރޭޝަނާ ދިމާ ނުވާ ކަމުގައި މީޑީއާތަކުން ރިޕޯޓް ކުރެއެވެ.
މި ދެމީހުންގެ ތެރެއިން އެކަކުގެ އުމުރަކީ 35 އަހަރެވެ. އަދި އަނެއް މީހާގެ އުމުރަކީ 45 އަހަރެވެ.