ބޮޑެތި އަލާމާތްތައް ނުފެނި ކުއްލިޔަކަށް ހާލު ދެރަވާ މީހުން ގިނަ : ޑރ. މުރާދު

ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން ބޮޑެތި އަލާމާތްތައް އެމީހުންގެ ކިބައިން ފެންނަ ނެތް ނަމަވެސް ކުއްލިޔަކަށް ހާލު ދެރަވާ މީހުން ގިނަ ކަމަށް އައިޖީއެމްއެޗްގެ އެތެރެ ހަށީގެ ޑރ. މޫސާ މުރާދު ވިދާޅުވެއްޖެއެވެ.
ހެލްތް އެމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ފަރާތުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ޑރ. މުރާދު ވިދާޅުވީ އަދިވެސް ކޮވިޑްގެ ތިންވަނަ ރާޅުގައި ނަމްބަރުތައް އުޅެނީ ވަރަށް މަތީގައި ކަމަށެވެ. އަދި ކުރިއާ އަޅާބަލާއިރު މިހާރު ބައްޔަށް ޕޮޒިޓިވްވެ ހޮސްޕިޓަލްތަކުގައި ނުވަތަ ސެންޓަރުތަކުގައި އެޑްމިޓް ކުރަންޖެހޭ މީހުންގެ އުމުރުފުރާ ޅަކަން ފާހަގަ ކުރެވޭ ކަމަށެވެ.
މުރާދު ވިދާޅުވީ މިއީ ވަރަށް ކަންބޮޑުވާކަމެއް ކަމަށާއި ޅަ އުމުރުގެ މީހުން އެޑްމިޓްކޮށްގެން އެހާ ގިނަ ދުވަސް ވަންދެން ފަރުވާ ދިނުމަަކީ ރަނގަޅު ކަމެއް ނޫން ކަމަށާއި އަދި މިކަން ރަނގަޅު ކުރެވޭނީ ވެސް ފައްސިވާ މީހުންގެ އަދަދުތައް މަދުކޮށްގެން ކަމަށް ވިދާޅުވިއެވެ.
ޑޮކްޓަރު ވިދާޅުވީ އެޑްމިޑް ކުރަންޖެހޭ އަދަދާ އަޅައިބަލާއިރު އެ އަދަދަށް ސިއްހީ އެހީތެރިން ނުތިބޭނެ ކަމަށެވެ. އަދި ވައިރަސްއަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވާ ކަމަށް ވާނަމަ އެޑްމިޓް ކޮށްގެން ފަރުވާދޭން ޖެހޭ މީހުންގެ އަދަދު ވެސް އިތުރު ވެގެންދާ ކަމަށް ޑޮކްޓަރު ފާހަގަ ކުރެއްވިއެވެ.
“ގިނަ ދުވަސްތަކަށް ގިނަ މީހުންނަށް ފަރުވާދޭން ޖެހޭ ކަމަށް ވާނަމަ ސިއްހީ އެހީތެރިން ވެސް ވަރުބަލި ވެގެންދާނެ. އެމީހުން އެ ދޭންޖެހޭ ހިދުމަތް ވެސް އެންމެ ފުރިހަމައަށް ދެވިގެނެއް ނުދާނެ”ޑރ.މުރާދު ވިދާޅުވިއެވެ.