އަންނަ މަހުގެ 10އާ ހަމައަށް ޖޫރިމަނާއާ ނުލާ ވޯކް ޕާމިޓް ފީ ބަލައިގަންނަނީ

ޖޫރިމަނާއާ ނުލައި ވޯކް ޕާމިޓް ފީ ބަލައިގަތުން އަންނަ މަހުގެ 10ވަނަ ދުވަހާ ހަމައަށް އިންތިޒާމް ކޮށްފައިވާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީ އިން ބުނެފިއެވެ.
މިކަން ހާމަކޮށް އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ދިވެހިރާއްޖޭގައި ބިދޭސީން ، ވަޒީފާ އަދާކުރުމާބެހޭ ޤަވާޢިދުގައި ބަޔާންކުރާ ގޮތުގެ މަތިން، ވޯކް ޕާމިޓް ދޫކުރުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައިވާ ކަމަށާއި އެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.
އެކްސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް ވޯކް ޕާމިޓް ފީ ދެއްކެވުމުގައި، ސިސްޓަމް ބޭނުން ކުރާ ފަރާތްތަކަށް ދަތިތަކެއް ކުރިމަތިވަމުންދާކަން އެ މިނިސްޓްރީ އަށް ފާހަގަ ކުރެވިފައިވާ ކަމަށާއި އެހެންކަމުން، އަންނަ މަހުގެ 10ވަނަ ދުވަހުގެ ނިޔަލަށް ޖޫރިމަނާއަކާ ނުލައި ވޯކް ޕާމިޓް ފީ ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައިވެއެވެ.
ވޯކް ޕާމިޓަށް ރަޖިސްޓްރީ ވުމަށް އެދޭ ފަރާތްތަކުން "ވޯކް ޕާމިޓް އިންޝޫރެންސް ފޯރުކޮށްދޭ ފަރާތްތައް ރަޖިސްޓްރީވުމަށް އެދި ހުށަލަޅާ ފޯމް" އަދި އިންޝޫރަންސް ޕެކޭޖް ގެ މަޢުލޫމާތު އެ މިނިސްޓްރީގެ ވެބްސައިޓް employment.trade.gov.mv އިން ޑައުންލޯޑް ކުރެވޭނެ އެވެ.
ދިވެހިރާއްޖޭގައި މަސައްކަތެއް ކުރުވުމަށް ބިދޭސީއަކު ރާއްޖެ ގެނެވޭނީ، އިކޮނޮމިކް މިނިސްޓްރީން ދޫކުރާ ބިދޭސީން ވަޒީފާއަށް ގެނައުމުގެ ކޯޓާ ހޯދުމަށް ފަހުއެވެ.