ކޮންމެ ދުވަހަކު ކިއުކަންބާ ކާންވީ މި ސަބަބު ތަކަށް ޓަކައި !
ކިއުކަންބާ އަކީ ގިނަ ބަޔަކަށް ވަރަށް މީރު އެއްޗެކެވެ. އަދި ލުއި ކާނާއެއްގެ ގޮތުގައި ވެސް ކިއުކަންބާ ކާ މީހުން އުޅެއެވެ. މީގެ އިތުރުން ތަފާތު ބާވަތްތަކުގެ ކާނާ ތައްޔާރު ކުރުމުގައި ވެސް ކިއުކަންބާ ބޭނުން ކުރެއެވެ. އެގޮތުން ސެލެޑްގެ ބާވަތްތަކާއި ސޭންޑްވިޗް ހިމެނެއެވެ. ކިއުކަންބާ އަކީ ހަމައެކަނި އަނގަޔަށް މީރު ތަރުކާރީ އެއް ނޫނެވެ. މިއީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ޓަކައި ހަށިގަނޑަށް ކޮންމެ ދުވަހަކުމެ ބޭނުންނުވާ ނުހަނު ފައިދާ ހުރި ތަރުކާރީ އެކެވެ. އެގޮތުން މި ލިޔުމުގައި މި ބަލައިލަނީ ކޮންމެ ދުވަހަކު ކިއުކަންބާ ކެއުމުން ލިބޭ ބައެއް ފައިދާ ތަކަށެވެ.
1. ހަށިގަނޑަށް ބޭނުންވާ ފެން ލިއްބައިދޭ
ދުވާލެއްގެ މައްޗަށް 8 ތަށި ފެން ބޯން ސިއްހަތާ ބެހޭ މާހިރުން އަބަދު ހަނދާން ކޮށްދޭ އިރުވެސް ގިނަފަހަރު ދުވަސް ނިމިގެން ދާއިރު މި ވަރަށް ފެން ނުބޮވެއެވެ. އެހެންކަމުން ހަށިގަނޑުން ފެން މަދުވެ ތަފާތު އުނދަގޫތަކާއި ކުރިމަތިލާން ޖެހޭ މީހުން މަދެއް ނޫނެވެ. އެހެންކަމުން ދުވަހުގެ ކޮންމެވެސް ވަގުތެއްގައި ކިއުކަންބާ ކެއުމުން މި ކަމަށް ހައްލެއް ލިބިދާނެއެވެ. އެގޮތުން އެކަށީގެންވާ ވަރަށް ކިއުކަންބާ ކެއުމުން ހަށިގަނޑަށް އެކަށީގެންވާ ވަރަށް ފެން ލިއްބައިދޭނެއެވެ. ސަބަބަކީ ކިއުކަންބާގެ 90 އިންސައްތައަކީ ފެން ކަމުގައި ވާތީއެވެ.
2. ހަޖަމްކުރުމަށް ފަސޭހަ ކޮށްދޭ
ފެނުގެ އިތުރުން ކިއުކަންބާގައި ގިނަ އަދަދަކަށް ފައިބަރ ވެސް އެކުލެވިގެން ވެއެވެ. ފައިބަރގެ ސަބަބުން ކުޑަ ކަމުދިޔުމުގަައި އުނދަގޫތަކާއި ކުރިމަތިލާން ޖެހޭ މީހުންނަށް މިކަން ވަރަށް ލުއި ކޮށްދެއެވެ. މީގެ އިތުރުން ކިއުކަންބާގައި ހިމެނޭ އެންޒައިމް ތަކެއްގެ ސަބަބުން ޕްރޮޓީން އެކުލެވޭ ކާނާގެ ބާވަތްތައް ހަޖަމް ކުރުމަށް ވެސް ފަސޭހަ ވެގެންދެއެވެ. އޭގެ ތެރޭގައި މަހުގެ ތަފާތު ބާވަތްތައް ހިމެނެއެވެ.
3. ހަންގަނޑު ރީތި ކުރުމަށް އެހީވެދޭ
ކިއުކަންބާ އަކީ ހަންގަނޑު ރީތި ކުރުމަށްޓަކައި ގިނަ ބަޔަކު ބޭނުންކުރާ އެއްޗެކެވެ. އޭގައި ހިމެނޭ ޕޮޓޭސިއަމް، މެގްނީސިއަމް އަދި ސިލިކާ ގެ ސަބަބުން ހަންގަނޑަށް ގިނަ ފައިދާތަކެއް ކުރެއެވެ. އެގޮތުން ލޯ ކައިރި ދުޅަވުން އަދި އިރުގެ އަލިން ހަންގަނޑަށް ލިބޭ ގެއްލުންތައް ކިއުކަންބާ އިން ކުޑަ ކޮށްދެއެވެ.
މި ނޫންވެސް ކިއުކަންބާ އިން ލިއްބައިދޭ އެތައް ފައިދާތަކެއް ހުރެއެވެ. ލުއި ކާނާގެ ގޮތުގައި ބޭނުންކުރާ ޗޮކްލެޓްގެ ބަދަލުގައި ވެސް ކިއުކަންބާ ބޭނުން ކުރެވިދާނެ އެވެ. ރަހަ މީރު ހަށިގަނޑަށް ފައިދާ ހުރި މި ތަރުކާރީ އަކީ ދުވަހުގެ ކޮންމެވެސް ވަގުތެއްގައި ކެއުން މުހިއްމު އެއްޗެކެވެ.