ހުކުރު ދުވަހު އިދިކޮޅު ކޯލިޝަނުން މުޒާހަރާއަށް ނުކުންނާތީ އެޗްއާރުސީއެމްގެ ކަންބޮޑުވުން
އިދިކޮޅު ކޯލިޝަނުގެ ފަރާތުން މާލޭގައި ސިލްސިލާ ގޮތެއްގައި ކުރަމުންދާ މުޒާހަރާތަކާމެދު ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)އިން ކަންބޮޑުވުން ފާޅު ކޮށްފިއެވެ.
އިދިކޮޅު މުޒާހަރާތަކާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް އެޗްއާރުސީއެމްއިން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ޞުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމަކީ ދިވެހި ރާއްޖޭގެ ޤާނޫނުއަސާސީގެ 32 ވަނަ މާއްދާއިން ކޮންމެ މީހަކަށްވެސް ލިބިގެންވާ ޙައްޤެއް ނަމަވެސް ކޮވިޑް-19 ބަލިމަޑުކަމާ ގުޅިގެން ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅިގެން އެއްވެ އުޅުމުގެ މިނިވަންކަން ބޭނުންކުރާ ގޮތަށް ބަދަލުތަކެއް ގެންނަން ޖެހިފައިވާ ކަމަށެވެ.
އެ ބަޔާނުގައި އިތުރަށް ބުނީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ދިމިޤްރާތީ މުޖުތަމަޢެއްގައި ކޮންމެ ފަރުދަކަށް ވެސް ލިބެންޖެހޭ ޙައްޤެއްކަން އެ ކޮމިޝަނުން ޤަބޫލުކުރާ ކަމަށާއި އަދި މިއީ ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކާއި ތަންފީޛު އިދާރާތަކުން ވެސް އިޙްތިރާމް ކުރަން ޖެހޭނެ ޙައްޤެއް ނަމަވެސް މިހާލަތުގައި ކަމާބެހޭ އިދާރާތަކުގެ އަޑު އަހަންޖެހޭ ކަމަށެވެ.
"އަދި މިއީ ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކާއި ތަންފީޛު އިދާރާތަކުން ވެސް އިޙްތިރާމް ކުރަން ޖެހޭނެ ޙައްޤެއްކަން ވެސް ކޮމިޝަނުން ދެކެން. ނަމަވެސް، ޢާއްމު ޞިއްޙަތުގެ ނުރައްކަލުގައި މުޅި ދުނިޔެ އޮތް މި ދަނޑިވަޅުގައި ރާއްޖެއިންވެސް ކޯވިޑް-19 ޖެހިގެން އެތައް ބައެއްގެ ފުރާނަ ގެއްލިފައި ވާއިރު މިޙާލަތުގައި، ރާއްޖޭގެ ހެލްތް ޕްރޮޓެކްޝަން އެޖެންސީއާއި ޑަބްލިއު.އެޗް.އޯގެ މިންގަނޑުތަކާ ޚިލާފަށް، އެއްވެއުޅުމާއި މުޒާހަރާކުރުމަކީ މި ކޮމިޝަނުން" އެ ކޮމިޝަނުން ބުނެފައިވެއެވެ.
އެޗްއާރުސީއެމުން ބުނީ، މާލޭގައި އިދިކޮޅު ކޯލިޝަނުން ބާއްވާ މުޒާހަރާތައް މޮނީޓާކޮށް ބެލި ބެލުމުން ބައެއް މުޒާހަރާވެރިން އެޗްޕީއޭގެ މިންގަނޑުތަކާ ޚިލާފުވާކަން ފާހަގަވެފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ބަލިމަޑުކަން އިތުރަށް ފެތުރިދާނެ ކަމުގައި ޤަބޫލުކުރެވޭތީ އެޗްޕީއޭއާއި ޑަބްލިއުއެޗްއޯގެ މިންގަނޑުތަކަށް ތަބާވެ، ގައިޑްލައިންތަކާ އެއްގޮތަށް އެ ފަދަ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ނަސޭހަތްތެރިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
މީގެ އިތުރުން މޯލްޑިވްސް ޕޮލިސް ސާރވިސްއިން މުޒާހަރާގެ ކަންކަން ބަލަހައްޓަވަމުން ގެންދަވާއިރު މުޒާހަރާ ރޫޅާލުމުގެ ކަންކަން ކުރިއަށްގެންވާ އިރުވެސް ގަވާއިދުތަކާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ބާރުގެ ބޭނުން މުޒާހަރާ މޮނިޓަރ ކުރައްވާ މީޑިއާގެ ފަރާތްތަކަށް ރައްކާތެރިކަން ވެސް ކަށަވަރު ކޮށްދެއްވުމަށް ކޮމިޝަނުން ވަނީ އިލްތިމާސް ކޮށްފައެވެ.