މުޒާހަރާ ނުފެށެނީސް ބައެއް ބައިވެރިން ހައްޔަރުކޮށްފި

އިދިކޮޅުން މިއަދު ބާއްވަން ނިންމާފައިވާ ސުލްހަވެރި މުޒާހަރާ ނުފެށެނީސް ފުލުހުން ނިކުމެ އިދިކޮޅު ލީޑަޝިޕްގައި އިސްކޮށް ހަރަކާތްތެރިވާ ބައެއް ފަރާތްތައް ހައްޔަރުކުރަން ފަށައިފިއެވެ.
އިދިކޮޅު ޕީޕީއެމް/ޕީއެންސީ ގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ޕީޕީއެމްގެ އޮފީސް ދޮރުމަތިން ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލާއި ޕީއެންސީ ކައުންސިލް މެންބަރު އަހުމަދު ނަރީޝްގެ އިތުރުން ކުރީގެ މަޖިލިސް މެންބަރު ކާނެލް ނަޝީދު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
ހީނާ އިތުރަށް ވިދާޅުވީ ޕީޕީއެމްގެ އޮފީސް އަދި ކައިިރި ރެސްޓޯރަންޓުތަކަށް ވަންނަ މީހުން ވެސް ފުލުހުން ހައްޔަރު ކުރަމުން އަންނަ ކަމަށެވެ.
އިދިކޮޅުން މިއަދު ބާއްވަން ހަމަޖެހިފައިވާ ބޮޑު މުޒާހަރާއަކީ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހައްޔަރުގައި ހުންނެވުމާއި، ރައްޔިތުންގެ އެތައް ޙައްޤުތަކެއް ސަރުކާރުން ނިގުޅައިގެންފައި ވާތީ އެ ކޯލިޝަނުން ބާއްވަމުން ގެންދާ "އިންސާފު ކޮބާ؟"އަދި "ކޮބާ މަގޭ ފްލެޓް ؟" ގެ ސިލްސިލާގެ ދަށުން ބޭއްވުމަށް ނިންމާފައިވާ މުޒާހަރާއެކެވެ.
އިދިކޮޅުން މިއަދު ބޭއްވުމަށް ރާވާފައިވާ މުޒާހަރާއަކީ ޤާނޫނާ ޚިލާފު މުޒާހަރާއެއް ކަމަށާއި މުޒާހަރާ ބޭއްވުމަށް ޖާގަ ނުދޭނެ ކަމަށް ފުލުހުން ވިދާޅުވެފައި ވީނަމަވެސް، މުޒާހަރާ މިހާރު ވެސް ޕްލޭން ކޮށްފައިވާ ގޮތަށް ކުރިޔަށް ދާނެ ކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ.