ޑިމޮކްރަސީގެ ނިޒާމު އެއްކޮށް ފުނޑާލައިފި: ސައީދު
މުޅި ނިޒާމު ފުނޑާލައި އަސީރުންގެ ގޮތުގައި ރައްޔިތުން ހިފަހައްޓާފައިވާ ކަމަށް މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މުޒާހަރާ ކުރާ ސަރަހައްދުގައި ހުންނަވާ ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ސައީދު ވަނީ 50 އެއްހާ ދިވެހި ރައްޔިތުން ޕީޕީއެމް އޮފީސް ތެރޭގައި ހިސޯރު ކޮށްފައި ވަނީ ކޮން ގާނޫނެއްގެ ދަށުންތޯ ސުވާލު އުފައްދާފައެވެ.
ސައީދު މިހެން ވިދާޅުވެފައި ވަނީ ފުލުހުން މުޒާހަރާގެ ބައެއް ބައިވެރިން ޕީޕީއެމް އޮފީހުގެ ތެރެއަށް ވައްދާ، ނުނިކުމެވޭނެހެން ދޮރުމަތި ބްލޮކް ކޮށްގެން ތިބުމާ ގުޅިގެންނެވެ.
ސައީދު ވިދާޅުވި ދިވެހި ރައްޔިތުން މަގުމައްޗަށް ނިކުތީ ހައްގެއް ހޯދަން ކަމަށެވެ. އަދި ދައުލަތުގެ އެއް މުވައްސަސާ ހައިޖެކްކޮށް، އެތައް ރައްޔިތުންނެއް ހިސޯރު ކޮށްފައި ވަނީ ގާނޫނު އަސާސީ އާ ހިލާފަށް ކަމަށް ސަޢީދު ވިދާޅުވިއެވެ.
"މުޅި ދައުލަތުގެ އެއް މުވައްސަސާ ހައިޖެކްކޮށްފަ އެތިބީ. އާންމު ރައްޔިތުން އެތާ އެބަތިބި. މި ރާއްޖޭގެ ގާނޫނު އަސާސީއާ ހިލާފަށް އެތައް ރައްޔިތުންނެއް ހިސޯރު ކޮށްފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ބަހަށް. މިތަނުން ފުލުހުން އެބަ ބުނޭ އެވާހަކަ." ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ ފުލުހުން އެކަން ކުރަމުން އެގެންދަނީ ސީދާ ސަރުކާރުން އަންގައިގެން ކަމަށް އެ ސަރަހައްދުގައި ހަރަކާތްތެރިވާ ބައެއް ފުލުހުން ބުނަމުން އަންނަ ކަމަށެވެ.
އިދިކޮޅުން މިއަދު ބާއްވާ މުޒާހަރާއަކީ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހައްޔަރުގައި ހުންނެވުމާއި، ރައްޔިތުންގެ އެތައް ޙައްޤުތަކެއް ސަރުކާރުން ނިގުޅައިގެންފައި ވާތީ އެ ކޯލިޝަނުން ބާއްވަމުން ގެންދާ "އިންސާފު ކޮބާ؟"އަދި "ކޮބާ މަގޭ ފްލެޓް ؟" ގެ ސިލްސިލާގެ ދަށުން ބޭއްވުމަށް ނިންމާފައިވާ މުޒާހަރާއެކެވެ.