ކޮވިޑް-19: މިއަދު ރާއްޖެއިން 133 މީހުން ފައްސިވި
ކޮވިޑް-19 އަށް ރާއްޖެއިން މިއަދު އިތުރު 133 މީހުން ފައްސިވެ 164 މީހުން ބަލިން ރަނގަޅު ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާއްމުކޮށްފައިވާ ސާވޭލަންސް ޑޭޓާއަށް ބަލާއިރު މިއަދު ރާއްޖެއިން ކޮވިޑަށް ފައްސި ވެފައިވަނީ މާލެއިން 117 މީހުންނާއި، އަތޮޅުތެރެއިން 4 މީހަކާއި ހިންގަމުން އަންނަ ރިސޯޓުތަކުން 12 މީހެކެވެ.
މިހާރު ރާއްޖެއިން މިބައްޔަށް ޖުމްލަ 19،479 މީހުން ފައްސި ވެފައިވެއެވެ.
ރާއްޖެއިން މިހާރު ކޮވިޑް ބަލިން ފަސޭހަ ވެފައިވަނީ ޖުމްލަ 17،002 މީހުންނެވެ. އަދި މިބަލީގައި ރާއްޖެއިން 60 މީހުން ނިޔާވެެއްޖެއެވެ.
ހޮސްޕިޓަލުތަކުގައި މިހާރު ފަރުވާ ހޯދަމުން ދަނީ 162 މީހުންނެވެ.
ރާއްޖެއިން ކޮވިޑަށް ޓެސްޓު ކުރަން މިހާރު 514،619 ސާމްޕަލް ނަގައިފައި ވެއެވެ.
ރާއްޖޭގައި މިފަހަކަށް އައިސް އަނެއްކާވެސް ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އަންނަނީ އިތުރު ވަމުންނެވެ.
އެހެންކަމުން އެޗްޕީއޭ އިން އަނެއްކާވެސް ވަނީ ކޮވިޑް ފެތުރުން ކޮންޓްރޯލު ކުރުމަށް ބައެއް ފިޔަވަޅުތައް އަޅާފައެވެ. އެގޮތުން އިރުއޮއްސި 6:00 އިން ފެށިގެން އަނެއް ދުވަހުގެ ހެނދުނު 6:00 އަށް މާލެ ސަރަޙައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާ ކޮށްފައިވާއިރު ރޭގަނޑު 11:00 އިން ފަތިހު 4:30 އަށް ބޭރުގައި އުޅުން ވެސް މަނަލެވެ. އަދި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިހާރު މާސްކު އެޅުންވެސް ވަނީ މަޖުބޫރު ކޮށްފައެވެ.