ހަނިމާދޫ ރީހެބް ގައި ނިޔާވިމީހާގެ ހަށިގަނޑު، ތަހުލީލުތައް ހެދުމަށް މާލެ ގެންނަނީ

ހދ. ހަނިމާދޫ ޑީޓޮކްސް ސެންޓަރުގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ނިޔާވި މީހާގެ ހަށިގަނޑު، ތަހުލީލުތައް ހެދުމަށް މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) ގެ ބެލުމުގެ ދަށުން ހަނިމާދޫގައި ހިންގާ ޑިޓޮކްސް ސެންޓަރުގައި ފަރުވާ ހޯދަމުން ދިޔަ އެ މީހާ މަރުވެފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.
އެންޑީއޭ އިން ބުނީ، މަރުގެ އެ މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ހުރުމުން އެކަންކަން ބަލަމުން ގެންދާ ކަމަށެވެ. އިތުރު ތަފްސީލެއް ދެއްވާފައެއް ނުވެއެވެ.
މިކަމާ ގުޅިގެން ފުލުހުން ވިދާޅުވީ ހަނިމާދޫގައި ހުންނަ ކޮމިއުނިޓީ ރީހެބިލިޓޭޝަން ސެންޓަރުގައި މީހަކު ނިޔާވި މައްސަލައަކާ ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން ދަނީ ބަލަމުން ކަމަށެވެ.
އެގޮތުން ތަހުގީގަށް އެތަނަށް މާލެއިން ޓީމެއް ދާގޮތަށް ހަމަޖެހިފައިވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
ފުލުހުން ވިދާޅުވީ، ނިޔާވެފައިވަނީ ފަރުވާއަށް އެސެންޓަރަށް ގޮސް ކަރަންޓީނު ގައި ހުރި މީހެއް ކަމަށެވެ.
"އިތުރަށް ހަދަން ޖެހޭ ތަހުލީލުތައް، ބަލަންޖެހޭ ބެލުންތައް ބެލުމަށް ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން" ފުލުހުން ވިދާޅުވިއެވެ.