މިސްކިތްތައް ބަންދު ކުރުމާމެދު އަދި ވަކި ގޮތެއް ނުނިންމަން: އިސްލާމިކް މިނިސްޓްރީ

ކޮވިޑް-19 އާ ގުޅިގެން އަޅާ ރައްކާތެރި ފިޔަވަޅެއްގެ ގޮތުން މިސްކިތްތައް ބަންދުކުރުމާމެދު އަދި ވަކި ގޮތެއް ނުނިންމާ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެ އެވެ.
މިދުވަސްވަރު ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން ދިޔުމާ ގުޅިގެން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިސްކިތްތައް ބަންދު ކުރުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން، އިސްލާމިކް މިނިސްޓްރީގައި އެދިފައިވާ ކަމަށް ބައެއް މީޑިއާ ތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.
މިކަމާ ގުޅޭގޮތުން "ދެން" އިން ސުވާލު ކުރުމުން އިސްލާމިކް މިނިސްޓްރީ ގެ މީޑިއާ އޮފިޝަލު އިސްމާއިލް އަފްރާހް ވިދާޅުވީ މިސްކިތްތައް ބަންދު ކުރުމަށްޓަކައި ކަމާ ގުޅުންހުރި ފަރާތްތަކުން ލަފާ ދީފައިވާތީ، އެ މިނިސްޓްރީން ދަނީ ކަމާ ގުޅުންހުރި ފަރާތްތަކާ މަޝްވަރާ ކުރަމުން ކަމަށެވެ. ނަމަވެސް އެކަމުގައި އަދި ވަކި ގޮތެއް ނުނިންމަވާ ކަމަށް އަފްރާޙް ވިދާޅުވިއެވެ.
މިސްކިތްތައް ބަންދުކުރުމަށް މަޝްވަރާތައް ކުރަމުންދާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވާއިރު މިކަމާ ގުޅިގެން ދީނީ އިލްމްވެރިން ދަނީ ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކުރަމުންނެވެ.