ޚަބަރު

"ބާރު ލިބުމާއެކު ރައީސް ނަޝީދަކީ މިހާރު ޖައްލާދެއް"

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީޙް ޖަމާލު މަޤާމުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހުން ކަނޑައެޅުމާ ގުޅިގެން ޖަމީލް ވިދާޅުވީ ރައީސް ނަޝީދަކީ ބަދަލު ހިފުމުގެ ރޫހުން ފޯވެފައިވާ ޚުދުމުހުތާރު ބޭފުޅެއް ކަމަށެވެ.

އަދި ރައީސް ޞާލިހުގެ ފިނޑިކަން ވެސް ހާމަވެގެން ގޮސްފި ކަމުގައި ޖަމީލު ވިދާޅުވިއެވެ.

"ރައީސް ނަޝީދަކީ ބަދަލު ހިފުމާއި ޒާތީ ވުމަށް ފެން ބޮވައިގެންފައިވާ އެފަދަ ދެވަނައެއް ނެތްފަދަ ޚުދުމުޚުތާރު ބޭފުޅެއް. ބާރު ލިބިވަޑައިގަތުމުން މިހާރު ބަދަލު ވެފައި ވަނީ ޖައްލާދަކަށް. ރައީސް އިބޫގެ ފިނޑިކަމާއި ނާގާބިލްކަން ފަޅާ އަރާ ނިމިއްޖެ." ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޤާނޫނު ވަކީލުކަން ވެސް ކުރައްވަމުން އަންނަ ޖަމީލު ވިދާޅުވިއެވެ.

ބޮޑު އަޣްލަބިއްޔަތަކާއެކު، މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީޙް ޖަމާލު މަޤާމުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހުން އިއްޔެ ކަނޑައަޅާފައިވާއިރު، ރައީސް އިބްރާހިމް ޞާލިހް މިކަމުގައި ވަކި އެއްޗެއް މިހާތަނަށް ވެސް ވިދާޅުވެފައި ނުވާތީ ސިޔާސީ ފަރާތްތަކުން އަންނަނީ ފާޑު ވިދާޅުވަމުންނެވެ.

ޖުމްހޫރީ ޕާޓީގެ ސްލޮޓްގައި މިނިސްޓަރކަމުގެ މަޤާމު އަދާ ކުރައްވަމުން ގެންދެވި މަލީޙްގެ އިތުބާރު ނެތްކަމުގެ މައްސަލަ، މަޖިލީހަށް ހުށަހަޅާފައި ވަނީ ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމެވެ.

މިއީ މިސަރުކާރުގެ ވަޒީރަކު ރައްޔިތުންގެ މަޖިލީހުން އިތުބާރު ނެތް ކަމަށް ކަނޑައެޅި ފުރަތަމަ ފަހަރުކަން ފާހަގަ ކޮށްލެވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!