ލައިފްސްޓައިލް ސިއްޙަތު

ކޮވިޑް-19 ވެކްސިން ޖަހަން ޖެހޭނީ ކޮން އަތަކަށް؟ ވެކްސިންގެ ދެ ޑޯޒް އެއް އަތަކަށް ޖެހޭނެތަ؟

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
ވެކްސިން ޖަހަނީ-- ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

ރާއްޖޭގައި ކޮވިޑް-19 ވެކްސިން ޖެހި މީހުންގެ އަދަދު 120،000 އަށްވުރެ މަތީގައި އުޅޭއިރު، ވަރަށް ގިނަ ބަޔަކު އުފައްދާ ސުވާލެއް އެބައޮތެވެ. އެއީ ކޮވިޑް-19 ވެކްސިން ޖަހަން ޖެހޭނީ ކޮން ތަނަކަށް ހެއްޔެވެ؟ އަދި ވެކްސިންގެ ދެ ޑޯޒް ޖަހަން ޖެހޭނީ އެއް އަތަކަށެވެ.

ވެކްސިން ޖަހަން ޖެހޭނީ ވަކި އަތަކަށް ނޫން!

ކޮވިޑް-19 އަށް އުފައްދާފައިވާ ވެކްސިން އަދި ދެން ވެސް އިތުރު ބަލި ބަލިން ދިފާޢުވުމަށް އުފައްދާފައިވާ ވެކްސިން ޖަހަން ޖެހޭނީ އަތުގެ މުލައް ދަނޑީގެ މަތީ ބަޔަށެވެ. މުލައްދަނޑި (އިނގިރޭސި ބަހުން: Arm) އަކީ އަތުގެ ކޮނޑު އިން ފެށިގެން އުޅަބޮށި އާއި ހަމައަށްވާ ބައެވެ. އަދި ވެކްސިން ޖެހުމުގައި ވަކި އަތެއް ޚާއްސަ ވެފައެއް ނޯވެއެވެ. އަދި ވަކި އަތަކަށް ވެކްސިން ޖެހުމުގެ ސަބަބުން ވެކްސިންގެ އަސަރު ކުޑަވެ، އިތުރު ނުވެއެވެ. މިހެންކަމުން ވެކްސިން ޖެހުމަށް ވަކި އަތެއް ޚާއްސަ ކުރާ ކަަށް ނުޖެހެއެވެ.

އެމެރިކާގެ އެރިޒޯނާގެ މެޑިކަލް އެސޯސިއޭޝަންގެ ރައީސް ޑރ.ރޮސް ޖޮލްބާގް އެމެރިކާގެ ނޫހެއް ކަމަށްވާ އޭބީސީ ނިއުސް އަށް ބުނެފައި ވަނީ، ވެކްސިން ވަކި އަތަކަށް ޖަހަން ނުޖެހޭ ކަމަށާއި އަދި މިގޮތަށް ވަކި އަތެއް ޚާއްސަ ކޮށްފައި ނުވާ ކަމަށެވެ.

ވާތަށް ވެކްސިން ޖަހަނީ ކީއްވެ؟

ވާތަށް ވެކްސިން ގިނަ ފަހަރަށް ޖަހަނީ، އާއްމުކޮށް ގިނަ މީހުންނަކީ ކަނާތުން މަސައްކަތް ކުރާ ފަރާތްތަކަށް ވެފައި، ވެކްސިން ޖެހުމުގެ ސަބަބުން އަތަށް ތަދުވުމުގެ ސަބަބުން ބައެއް އާއްމު ދިރިއުޅުމުގައި ކުރަން ޖެހޭ ކަންކަން ކުރުމަށް އުނދަގޫ ވާނެތީއެވެ. މިގޮތުން ތިބާއަކީ، ވާތްތެރިއެއް (ވާތުން އާއްމުކޮށް ކަންކުރާ މީހެއް) ކަމަށްވާނަމަ ކަނާތަށް ވެކްސިން ދިނުމަކުން އެކަމުގައި މައްސަލައެއް ނެތެވެ. ޑަކްޓަރު ނުވަތަ ސިއްޙީ އެހީތެރިޔަކަށް ވެކްސިން ޖަހާނެ އަތެއް ބުނެވިދާނެއެވެ. ނަމަވެސް ވެކްސިން ޖަހާނެ އަތެއް ކަނޑައެޅުމުގެ ބާރު އޮންނާނީ ވެކްސިން ހަށިގަނޑުގެ ތެރެއަށް ފޮނުވާލާ މީހާއަށެވެ.

ދެވަނަ ޑޯޒް ޖަހަން ޖެހޭނީ، ފުރަތަމަ ޑޯޒް ޖެހި އަތަށްތަ؟

ވެކްސިންގެ ފުރަތަމަ ޒޯޑް ޖަހާ އަތް ވެކްސިން ކާޑްގައި ފާހަގަ ކޮށްފައެއް ނުވެއެވެ، ސަބަބަކީ ވެކްސިންގެ ދެވަނަ ޑޯޒް ވަކި އަތަކަށް ޖަހަން މަޖުބޫރު ނުވާތީއެވެ. ފުރަތަމަ ޑޯޒް ކަނާތަށް ޖަހައިފިނަމަ، ދެވަނަ ޑޯޒް ވާތަށް ޖެހުމަކުން މައްސަލައެއް ނެތެވެ. ނުަވަތަ ދެވަނަ ޑޯޒްވެސް ވާތަށް ޖަހަންވީއެވެ. މިގޮތުން ހަމަ ފުރަތަމަ ޑޯޒް ވާތަށް ޖަހައިފިނަމަ، ދެވަނަ ޑޯޒް ޖަހަން ވަކި ޚާއްސަ އަތެއް ނޯވެއެވެ. މުހިންމީ ވެކްސިން ޖެހުމެވެ. ތިބާއާއި ތިބޭގެ ވަށައިގެން އުޅޭ އެންމެންގެ ރައްކާތެރި ކަމަށްޓަކައި ވެކްސިން ޖެހުމެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!