ޗައިނާއިން ރާއްޖެއަށް އިތުރު އެއްލައްކަ ޑޯޒް ވެކްސިން ހަދިޔާ ކުރަނީ

ކޮވިޑް-19ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް ރާއްޖެއިން ކުރާ މަސައްކަތުގައި އެހީތެރިވެދިނުމަށް ކޮވިޑް-19 ވެކްސިންގެ އިތުރު އެއްލައްކަ ޑޯޒް ރާއްޖެއަށް ހަދިޔާ ކުރުމަށް ޗައިނާއިން ނިންމައިފިއެެވެ.
މި ކަން ހާމަ ކުރެއްވީ ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އެެވެ. މިކަން ހާމަ ކުރައްވާ އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަ ސަފީރު ޖަންގް ލިޓޮންގްއާ ބަައްދަލުވެ ދެކެވުނު ވާހަކަފުޅުގެ ތެރެއިން ޗައިނާއިން ރާއްްޖެއަށް އިތުރު އެއްލައްކަ ޑޯޒް ހަދިޔާ ކުރައްވާނެ ކަމަށް ސަފީރު ވިދާޅުވެފައިވާ ކަމަށެވެ. އަދި މިކަމަށްޓަކައި މިނިސްޓަރު ޝާހިދު ވަނީ ޗައިނާގެ ސަރުކާރަށް ޝުކުރު އަދާ ކުރައްވާފައެވެ.
މިކަމާ ގުޅިގެން ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް ވެސް ވަނީ ޓްވީޓް ކުރައްވާފައެވެ. އެގޮތުން ވެކްސިން ވީ އެންމެ އަވަހަކަށް ރާއްޖެއަށް ފޯރު ކޮށްދިނުމަށް މަސައްކަތް ކުރައްވަމުން ދާ ކަމަށާއި ކޮވިޑް-19އާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ޗައިނާގެ އެއްބާރުލުން ފުރިހަމައަށް ލިބޭނެ ކަމަށާއި އަދި ވެކްސިން ފޯރު ކޮށްދޭނެ ކަމަށް އެ ޓްވީޓްގައި ވިދާޅުވިއެވެ.
ޗައިނާއިން ވަނީ މިދިޔަ މަހުގެ 4 ވަނަ ދުވަހު ވެސް އެއްލައްކަ ޑޯޒް ވެކްސިން ރާއްޖެއަށް ހަދިޔާ ކުރަން ނިންމާފައެވެ. އަދި މިއަދު ޗައިނާއިން ރާއްޖެއަށް ހަދިޔާ ކުރި އިތުރު އެއްލައްކަ ޑޯޒް ވެކްސިނާއެކު ޗައިނާއިން ރާއްޖެއަށް ހަދިޔާ ކުރަން ނިންމާފައިވާ ވެކްސިންގެ އަދަދު ވަނީ ދެ ލައްކައަށް އަރާފައެވެ.