މާލެ ސިޓީ ކައުންސިލުން 34 އަށްވުރެ ގިނަ މިސްކިތުގައި އަތް ދޮންނަން ސައިބޯނިފުޅި ހަރުކޮށްދީފި

މާލެ ސިޓީ ކައުންސިލުން 34 އަށްވުރެ ގިނަ މިސްކިތުގައި އަތް ދޮންނަން ސައިބޯނި ފުޅި ހަރުކޮށްފިއެވެ.
"ދެން" އަށް މައުލޫމާތު ދެއްވަމުން ސިޓީ ކައުންސިލުގެ މީޑިއާ ކޯޑިނޭޓަރ ވިދާޅުވީ، މިއަދު އެކައުންސިލުން ސައިބޯނި ފުޅި ހަރު ކޮށްފައި ވަނީ މާލެ ސަރަޙައްދު (މާލެ/ވިލިމާލެ/ހުޅުމާލެ) ގެ މިސްކިތްތަކުގައި ކަމަށެވެ. އެގޮތުން މި ސަރަޙައްދުގެ ހުރިހާ މިސްކިތްތަކެއްގައި މިހާރު އަތް ދޮންނަން ސައިބޯނިފުޅި ހަރުކޮށްފައިވާނެ ކަމަށް އެކައުންސިލުން މައުލޫމާތު ދެއްވާފައިވެއެވެ.
"އަޅުގަނޑުމެން ކުރިންވެސް ހަރުކުރިން، މިދިޔަ އަހަރުގެ މާޗް މަހު، އެއީ ލޮކްޑައުން ފެށުނުއިރު. މިހާރު އެއެއްޗެހި ހަލާކުވީމަ، އާ އެއްޗެހި ހަރުކުރީމި" ސިޓީ ކައުންސިލުން ވިދާޅުވިއެވެ.
ކޮވިޑް-19 ގެ ހާލަތާ ގުޅިގެން، އެބަލިން ރައްކާތެރިވުމަށްޓަކައި ގިނަ ގިނައިން އަތް ދޮވުމަށާއި ނުވަތަ ހޭންޑް ސެނިޓައިޒަރ ބޭނުން ކުރުމަށް ސިއްޙީ މާހިރުންނާ ކަމާއިބެހޭ ފަރާތްތަކުން ދަނީ އިރުޝާދު ދެއްވަމުންނެވެ. އެބޭފުޅުންގެ އިރުޝާދާ އެއްގޮތަށް ގިނަ އޮފީސްތަކާއި ފިހާރަތަކުގެ އިތުރުން އާންމުން ގޮސް އުޅޭތަންތަނުގައި ވަނީ މިކަމަށް މަގު ފަހި ކޮށްދީފައެވެ.