ދުނިޔެ

ނިއު ޒިލެންޑަށް އެރި ބާރުގަދަ ބިންހެލުމަކާއެކު ސުނާމީއެއްގެ އިންޒާރު

މަރްޔަމް ވަޙީދާ

ނިއުޒިލެންޑުގެ އުތުރުގެ ރަށަކަށް އެރި ބާރުގަދަ ބިންހެލުމެއްގެ ސަބަބުން، ސުނާމީއެއް އަރައިފާނެ ކަމުގެ އިންޒާރު އެޤައުމުގެ މެޓް އޮފީހުން ދީފިއެވެ.

ބޭރުގެ ރިޕޯޓުތަކުން ބުނާ ގޮތުގައި އެޤައުމަށް އަރާފައި ވަނީ ރެކްޓާ މިންގަނޑުން 8.0 މެގްނިޓިއުޑްގެ ބިންހެލުމެކެވެ. މިބިންހެލުމާ ގުޅިގެން ސުނާމީއެއް އަރައިފާނެކަމުގެ އިންޒާރު ނިއުޒިލެންޑުގެ މޫސުމާބެހޭ ޤައުމީ އިދާރާއިން ދެ ފަހަރަށް ދީފައިވާ ކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ.

ނިއުޒިލެންޑް ގެ ނޭޝަނަލް އެމަޖެންސީ މެނޭޖްމަންޓް އޭޖެންސީ (ނޭމާ) އިން ވަނީ އެޤައުމުގެ އުތުރު ފަރާތުގައި ދިރިއުޅޭ އެންމެން، ވީ އެންމެ އަވަހަށް އުސް ބިމަކަށް ބަދަލުވުމަށް އަންގާފައެވެ. ގޭގައި އެކަކުވެސް ނުތިބުމަށް ނޭމާ ގެ އެއިންޒާރުގައި ބުނެފައިވެއެވެ.

މި ބިންހެލުމުގެ ކުރިން ވެސް ދެ ފަހަރަށް ރޭގައި އެޤައުމަށް ބިންހެލުންތަކެއް އެރިކަމަށް އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ބުނެފައިވެއެވެ. މި ބިންހެލުންތައް އަރާފައިވަނީ ކާމަޑެކް އައިލެންޑަށެވެ. އަދި 12 މޭލު (19 ކިލޯމީޓަރު) އަޑިއަށް އެބިންހެލުންތަކުގެ އަސަރު ކޮށްފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

މިބިންހެލުން ތަކާ ގުޅިގެން ފްރެންޗް ޕޮލީނީޝިއާ އަށް 3 ފޫޓާއި 10 ފޫޓް އުސްމިނުގެ ރާޅެއް އަރާފާނެ ކަމަށާއި ނިއުޒީލެންޑަށް 3 ފޫޓު އުސްމިނުގެ ރާޅެއް އަރައިފާނެ ކަމަށް ވެސް އެމެރިކާގެ ސުނާމީ ވަރނިންގ ސިސްޓަމުން ވަނީ ބުނެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!