ރަނަޓޯލިއާ މެރެތަންއަށް މޯޑު ތުރުކީގައި

ތުރުކީގައި އޮންނަ ރަނަޓޯލިއާ މެރެތަން 2021 އަށް ރާއްޖޭގެ ފަސް ކިލޯ މީޓަރު ރިކޯޑް ހޯލްޑަރ މުހައްމަދު ރަޝީދު (މޯޑު) ތުރުކީއަށް ހިނގައްޖެއެވެ.
7 މާރޗްގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މެރެތަން އަށް މޯޑު ތުރުކީއަށް ގޮސްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. އަދި މިއަދު އޮތް ރަނަޓޯލިއާ މެރެތަންގެ އެކްސްޕޯގައި ވެސް މޯޑު ވަނީ ބައިވެރި ވެފައެވެ. މި އިވެންޓްގައި މޯޑު ސްޕޮންސަރ ކޮށްފައިވަނީ މޯލްޑިވްސް މާރކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕްރޭޝަނުންނެވެ.

މޯޑު ވަނީ މިއަހަރުގެ ޖަނަވަރީ މަހު ބަންގާޅުގައި އޮތް ބަންގްބަންދު ޝެއިޙް މުޖީބު ޑާކާ މެރެތަންގައި ރާއްޖެ ތަމްސީލް ކޮށްފައެވެ. މި އިވެންޓުން އޭނާ ވަނީ ސައުތު އޭޝިއާގެ ކެޓަގަރީއިން 6 ވަނަ ހޯދާފައެވެ. އަދި 2019ވަނަ އަހަރު ސިންގަޕޫރުގައި އޮތް ސަންޑައުން މެރެތަންގައި ބައިވެރިވެ އެ މެރެތަންގެ 10 ކިލޯމީޓަރު ކެޓަގަރީން މޯޑު ވަނީ ލޯ މެޑަލް ހޯދާފައެވެ.

ބަންގްބަންދު ޝެއިޙް މުޖީބު ޑާކާ މެރެތަންގައި މޯޑު ވަނީ ސައުތު އޭޝިއާ ކެޓަގަރީން 6 ވަނަ ހޯދާފައި
ފަސް ކިލޯމީޓަރުގެ ރާއްޖޭގެ ރެކޯޑް މޯޑު މުގުރާލީ 2020 ވަނަ އަހަރު ޔޫއޭއީގެ ދުބާއީގައި އޮތް ރަސް އަލްޚައިމާ ހާފް މެރެތަން ގައެވެ. އެ މެރެތަން އިން އޭނާ އެއްވަނަ ހޯދީ 15.33 މިނެޓުން ރޭސް ނިންމައިގެންނެވެ. އޭނާ މި ރިކޯޑް މުގުރާލުމުގެ ކުރިން މި ރިކޯޑް އޮންނަނީ 15 މިނެޓު 50 ސިކުންތާއެކު ހުސެން ފަޒީލް ހާރޫންގެ އަތުގައެވެ. އަދި މޯޑު ވަނީ 2019 ވަނަ އަހަރު ތައިލެންޑުގައި އޮތް 5 ކިލޯމީޓަރު ކެޓަގަރީ އިން ވެސް އެއްވަނަ ހޯދާފައެވެ.