ޓެކްސް ބޮޑުކުރަން ތްރީލައިން ވިޕާއި އެއްގޮތަށް ވޯޓެއް ނުދޭނަން: މެމްބަރު ރަޝީދު
އެމްޑީޕީ ޕީޖީ ގްރޫޕުން ނެރެފައިވާ ތްރީލައިން ވިޕައި އެއްގޮތަށް ވޯޓު ނުދެއްވާނެކަމަށް މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު (ބޯދިގު) ވިދާޅުވެއްޖެއެވެ.
މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިސްލާހު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއުއެވެ.
ޓެކްސް ބޮޑުކުރަން ސަރުކާރުން ހުށަހެޅި ގޮތަށް ތާއީދު ނުކުރާކަން ހާމަކުރައްވާ މެމްބަރު އިބްރާހިމް ރަޝީދު (ބޯދިގު) ވިދާޅުވީ ތްރީލައިން ވިޕެއް ނެރެފައި އޮތްނަމަވެސް މިބިލަށް ވޯޓު ދެވެން ނެތްކަމަށެވެ.
“އެމްޑީޕީ އެންމެހާ ބޭފުޅުންނަށް މަޢާފަށް އެދެން. އަޅުގަނޑު ޓެކްސް ތްރީލައިން ވިޕާއި ޚިލާފްވާނެ. ޓެކްސް އިތުރު ކުރުމަށް އަޅުގަނޑު ތާއީދެއް ނުކުރަން މިފަދަ ނާޒުކު ދަނޑިވަޅެއްގައި” އިބްރާހިމް ރަޝީދު ވިދާޅުވިއެވެ.
މިއިސްލާހު ހުށަހެޅުއްވުމުގެ މައިގަނޑު ބޭނުމަކީ ދައުލަތުގެ ޚަރަދުގެ ސިޔާސަތުތަކާއި ދުނިއޭގެ އިގްތިޞާދަށް އަންނަ ބަދަލުތަކުގެ ސަބަބުން ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ފިޔަވަޅުތަކެއް ނާޅައިފިނަމަ، އާމްދަނީން ރިކަރަންޓް ޚަރަދުތައް ހަމަނުޖެއްސޭނެކަމަށް ފާހަގަވާތީ ދައުލަތަށް ލިބޭ އާމްދަނީން ޚަރަދުތައް ހަމަޖެއްސުމަށެވެ.
އެމްޑީޕީން މިބިލު ފާސްކުރުމަށް ތްރީލައިން ވިޕެއް ނެރެފައިވާއިރު، ބިލުގެ މަސައްކަތް މުޅި މަޖިލިސް ކޮމެޓީގައި ދަނީ ކުރަމުންނެވެ. ކޮމެޓީ މަރުހަލާގައި އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ ބިލު މަޖިލީހުން ފާސް ކުރުމުގެ ކުރިން ދައުލަތުގެ މާލީ އިދާރާތަކާއި، ކަމާއި ގުޅުންހުރި އިދާރާތަކާއި މަޝްވަރާ ކުރުމަށްވެސް ހުށަހަޅާފައެވެ.