ރާއްޖޭ ކުޅިވަރު

ރަނަޓޯލިއާ މެރެތަންއިން ރާއްޖޭގެ އެތުލީޓް ، މޯޑް އެއްވަނަ ހޯދައިފި ، މަރުޙަބާ!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ތުރުކީގައި އޮތް ރަނަޓޯލިއާ މެރެތަން 2021ގައި މުޅި މުބާރާތުގެ ފަހުރުވެރި އެއްވަނަ ރާއްޖޭގެ އެތުލީޓް  މުހައްމަދު ރަޝީދު (މޯޑު) ހޯދައިފިއެވެ.

Ads by MWSC

މި މުބާރާތުގައި މޯޑު މެރެތަން ނިންމާފައި ވަނީ 2 ގަޑިއިރާއި 37 މިނެޓު 9 ސިކުންތުންނެވެ. ރަނަޓޯލިއާގެ މިއަހަރުގެ މެރަތަންއަކީ މި ސީރީޒްގެ 16 ވަނަ މުބާރާތެވެ. މިއަހަރުގެ މުބާރާތުގައި ވެސް އެކި ގައުމުތަކުން ގިނަ އަދަދެއްގެ އެތުލީޓުން ބައިވެރިވެފައި ވެއެވެ. އެގޮތުން މޯޑުގެ އިތުރުން ރާއްޖޭގެ އިތުރު ދެ އެތްލީޓަކު ވެސް ވަނީ މި މުބާރާތުގައި ބައިވެރިވެފައެވެ.

އޭގެ ތެރެއިން ރާއްޖޭގެ އެންމެ ގިނަ މެރެތަން ދުވެފައިވާ ނަސްރުﷲ އަހްމަދު މި މެރެތަން ނިންމީ 3 ގަޑިއިރާއި 22 މިނެޓުންނެވެ. މިއީ އޭނާގެ 68 ވަނަ މެރެތަން އެވެ. ރާއްޖޭގެ އެތުލީޓް މުހައްމަދު މުސްތަފާ މި މެރެތަން ނިންމީ 3 ގަޑިއިރާއި 10 މިނެޓުންނެވެ. އޭނާއަށް މި މުބާރާތުގެ 30 އަހަރުންމަތީގެ އުުމުރުފުރާއިން 4 ވަނަ ލިބުނެވެ.

މި އިވެންޓްގައި މޯޑު ސްޕޮންސަރ ކޮށްފައި ވަނީ މޯލްޑިވްސް މާރކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕްރޭޝަނުންނެވެ.

މޯޑު ވަނީ މިއަހަރުގެ ޖަނަވަރީ މަހު ބަންގާޅުގައި އޮތް ބަންގްބަންދު ޝެއިޙް މުޖީބު ޑާކާ މެރެތަންގައި ރާއްޖެ ތަމްސީލް ކޮށްފައެވެ. މި އިވެންޓުން އޭނާ ވަނީ ސައުތު އޭޝިއާގެ ކެޓަގަރީއިން 6 ވަނަ ހޯދާފައެވެ. އަދި 2019ވަނަ އަހަރު ސިންގަޕޫރުގައި އޮތް ސަންޑައުން މެރެތަންގައި ބައިވެރިވެ އެ މެރެތަންގެ 10 ކިލޯމީޓަރު ކެޓަގަރީން މޯޑު ވަނީ ލޯ މެޑަލް ހޯދާފައެވެ.

ފަސް ކިލޯމީޓަރުގެ ރާއްޖޭގެ ރެކޯޑް މޯޑު މުގުރާލީ 2020 ވަނަ އަހަރު ޔޫއޭއީގެ ދުބާއީގައި އޮތް ރަސް އަލްޚައިމާ ހާފް މެރެތަން ގައެވެ. އެ މެރެތަން އިން އޭނާ އެއްވަނަ ހޯދީ 15.33 މިނެޓުން ރޭސް ނިންމައިގެންނެވެ. އޭނާ މި ރިކޯޑް މުގުރާލުމުގެ ކުރިން މި ރިކޯޑް އޮންނަނީ 15 މިނެޓު 50 ސިކުންތާއެކު ހުސެން ފަޒީލް ހާރޫންގެ އަތުގައެވެ. އަދި މޯޑު ވަނީ 2019 ވަނަ އަހަރު ތައިލެންޑުގައި އޮތް 5 ކިލޯމީޓަރު ކެޓަގަރީ އިން ވެސް އެއްވަނަ ހޯދާފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!