ޚަބަރު

ކެންޕެއިން ކުރުމަށް ޚާއްސަ ހުއްދައެއް އެޗްޕީއޭއަކުން ނުދެން: މައިމޫނާ

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއިން އިލެކްޝަންސް ކޮމިޝަން އަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ބޭފުޅުންނާ ބައްދަލުކުރުން. ފޮޓޯ/މަޖިލިސް

އަންނަ ލޯކަލް ކައުންސިލް އިންތިޚާބަށް ކެންޕެއިން ކުރުމަށް އެކި އެކި ރަށްރަށް ދަތުރު ކުރުމުގެ ވަކި ޚާއްސަ ހުއްދައެއް، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނުދެއްވާ ކަމަށް ޑިރެކްޓާ ޖެނެރަލް އޮފް ފަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލް އިންތިހާބާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު ގައި ވާދަކުރާ ސަރުކާރުގެ ކެންޑިޑޭޓުންނަށް ހާއްސަ އުސޫލެއްގެ ދަށުން ރަށްރަށަށް ގޮސް ކެމްޕޭން ކުރަން ފުރުސަތު ދެމުންދާ ކަމަށް ސޯޝަލް މީޑިޔާގައި ދަނީ އަޑު ފެތުރެމުންނެވެ. މިކަމާ ގުޅޭ ގޮތުން މިއަދު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އިލެކްޝަންސް ކޮމިޝަން އަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީ ބައްދަލު ކުރެއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، މައިމޫނާ ވިދާޅުވީ، ކެނޑިޑޭޓެއްގެ ގޮތުގައި އެއްވެސް ފަރާތަކަށް ކެމްޕެއިން ކުރުމުގެ ފުރުސަތު އެޗްޕީއޭއިން ދީފައި ނުވާ ކަމަށެވެ.

"އަޅުގަނޑުމެން އަދި އެއްވެސް ފަރާތަކަށް ކެނޑިޑޭޓެއްގެ ގޮތުގައި ފުރުސަތު ތަކެއް ދީފައެއް ނޯންނާނެ، ކެމްޕެއިންނަކަށް" މައިމޫނާ ވިދާޅުވިއެވެ.

މިއަދު އޮތް ބައްދަލުވުމުގައި އިލެކްޝަން ކޮމިޝަނުން ވަނީ ކެނޑިޑޭޓުންނަށް ހަމަހަމަ ފުރުސަތުތަކެއް ނެތް ކަމަށް ވިދާޅުވެފައެވެ. އަދި ކައުންސިލް އިންތިޚާބާ ދިމާކޮށް ނެެރެފައިވާ ގައިޑްލައިންގައި ބަޔާން ކޮށްފައި އޮތީ އާއްމު އުސޫލުތަކެއް ކަމަށާއި އުސޫލުތައް ޚާއްސަ ކުރަން ޖެހޭ ކަމަށް ކޮމިޝަނުން ދެކެވަޑައިގަންނަވާ ކަމަށް އިލްކްޝަންސްއިން ވިދާޅުވިއެވެ.

މިކަމަށް ރައްދު ދެއްވަވާ މައިމޫނާ ވިދާޅުވީ، ޤާނޫނުން އެޗްޕީއޭއަށް މަތިކޮށްފައި އޮތީ އިންތިޚާބުގެ ރައްކާތެރިކަން ކަށަވަރު ކުރުން ކަމަށާއި އެޗްޕީއޭއިން ނެރުނު ގައިޑްލައިންއިން އެމަޤްސަދު ހާސިލްވާ ކަމަށެވެ. އަދި ކޮންމެ ކެނޑިޑޭޓަކަށް ވެސް އުސޫލުގެ ތެރެއިން ކެންޕެއިން ކުރުމުގެ ފުރުސަތު އެބައޮތް ކަމަށް ފާހަގަ ކުރައްވާ މައިމޫނާ ވިދާޅުވީ، އުސޫލުތައް ޚާއްސަ ކޮށްފިނަމަ ބަލި އިތުރަށް ފެތުރުމުގެ ބިރު އެބައޮތް ކަމަށެވެ.

"އާއްމު އުސޫލާ ތަފާތު ކޮށްފި ނަމަ ފެންނާނީ އިތުރު ގޯހެއްވާ ތަނޭ، ބަލި ބޮޑަށް ފެތުރިގެން ހިނގައިދާނޭ ބަލީގެ ރިސްކް އަދި އެހެން މީހުންނަށް ޖެހުމުގެ ފުރުސަތު ބޮޑު ވެގެން ހިނގައިދާނެ." މައިމޫނާ ވިދާޅުވިއެވެ.

ކޮމިޓީގައި ބައެއް މެންބަރުން ވެސް ވަނީ އެޗްޕީއޭގެ އުސޫލާއެކު ހަމަހަމަކަމާއެކު ކެންޕެއިން ކުރުމަށް ފުރުސަތު ނެތް ކަމަށް ވިދާޅުވެފައެވެ. މިގޮތުން ވިލިމާލޭ ދާއިރާގެ މެމްބަރު އުޝާމް ވިދާޅުވީ، ސަރުކާރު ހިންގާ ޕާޓީއަށް ނިސްބަތްވާ ބައެއް މެންބަރުން ކަރަންޓީން ނުވެ، ރަށްރަށް ދަތުރު ކުރެވޭ ކަމަށެވެ.

"ބައެއް އެމްޕީން ރަށްރަށަށް އެބަދޭ ފުޓްބޯޅަ މުބާރާތްތައް ފައްޓައި ދިނުމަށްޓަކައި. އެއީ އެ ބޭފުޅުންނަށް އެކަމަކަށް ފަސޭހައިން މަގުފަހިވެފައި އޮންނާތީ އެހެން ނަމަވެސް ސަރުކާރަށް ނިސްބަތް ނުވާ ފަރާތްތަކަށް ރަށްރަށަށް ދިޔުމުގައި ދަތިތަކެއް އެބައޮތް" އުޝާމް ވިދާޅުވިއެވެ.

އެޗްޕީއޭއިން އިންތިޚާބާ ދިމާކޮށް ނެރުނު ގައިޑްލައިންގައިވާ ގޮތުން، ކެންޕެއިން ކުރުމަށް ދަތުރު ކުރުމުގައި އަމަލު ކުރަން ޖެހޭނީ އާއްމު ރައްޔިތުން ދަތުރުކުރުމަށް އެޗްޕީއޭއިން ކަނޑައަޅާފައިވާ އުސޫލު ތަކަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!