މުނިފޫހިފިލުވުން

މަޖަލަކަށް ނިމްޝާ ހެދި ދޮގަކުން ހޫނު ފެނަށް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މުނިފޫހިފިލުވުމުގެ ގޮތުން ގިނަ ބަޔަކު ބޭނުންކުރާ އެޕްލިކޭޝަނެއް ކަމުގައިވާ ޓިކްޓޮކް އަކީ ރާއްޖޭގައި ވެސް އެތައް ބަޔަކު ބޭނުންކުރާ، އަދި އެ އެޕްލިކޭޝަން މެދުވެރިކޮށް މަޝްހޫރުކަން ވެސް ހޯދާފައިވާ އެއްޗެކެވެ.

Ads by STELCO

އެގޮތުން ފާހަގަ ކޮށްލެވޭ އެކަކީ، ނެށުމަށް ފޯރި ހުންނަ ޓިކްޓޮކް ތަރި އަދި މޮޑެލް ނިމްޝާ ޒާހިރެވެ. އޭނާ އިއްޔެ ވަނީ ޓިކްޓޮކް ބޭނުން ކުރުން ހުއްޓާލަން އުޅޭކަމަށް އިއުލާނުކޮށް ޚަބަރުތަކުގެ ފަލަ ސުރުޚީން ޖާގަ ހޯދާފަައެވެ.

ނަމަވެސް އޭގެ މާގިނައިރުތަކެއް ނުވެ ނިމްޝާ ބުނީ ޓިކްޓޮކް ކުޅުން ހުއްޓާނުލާ ކަމަށާއި އެއީ ރައްޓެހިންނާއެކު "ޓްރުތު އޯ ޑެއާ" ކުޅެމުން އޭނާ ޑެއާ ނެގުމުން ކުރުވި ކަމެއް ކަމަށެވެ.

ކުޅިވަރެއްގެ ގޮތުން ނިމްޝާ މަޖަލަކަށް މި ދޮގު ހެދި ކަމުގައިވިޔަސް، އެކަންވީ އޭނާއަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވީ ކަމަކަށެވެ.

އެގޮތުން މީސްމީޑިއާ ގައި ވަރަށް ގިނަ މީހުން ވަނީ ނިމްޝާ އަކީ ދޮގުވެރިއެއް ކަމަށް ބުނެ، މިއީ އޭނަ ޕަބްލިސިޓީ ސްޓަންޓެއް ހެދުމަށް ކުރި ކަމެއް ކަމުގައި ވެސް ބުނެފައެވެ. އަނެއްބަޔަކު ވަނީ ނިމްޝާގެ ފޮޓޯ ބޭނުންކޮށްގެން އެކިއެކި މީމްތައް ވެސް ހަދާފައެވެ.

ރައްޓެހިންގެ މެދުގައި އާންމުކޮށް ކުޅޭކުޅިވަރެއް ކަމުގައިވާ ޓްރުތު އޯ ޑެއާ އަކީ މަޖާ ގޭމެއް ނަމަވެސް، އަދި ނިމްޝާ އެއީ މަޖަލަކަށް ކުރި ކަމެއް ކަމަށް ވިސްނައިދޭން އުޅުނަސް، ގިނަ މީހުން އަދި ތިބީ އޭނާދެކެ ހިތްހަމަ ނުޖެހިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!