ޚަބަރު

އޮފީސްތަކުން މަޖުބޫރު ކުރަނީ ބުރާސްފަތި ދުވަހު ވެކްސިން ޖަހަން، މިއަދު ކިއު ވަރަށް ދިގު!

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
ވެކްސިން ޖަހަން ކިއުގައި -- ފޮޓޯ/މީސްމީޑިއާ

ކޮންމެ ހަފްތާއެއްގެ ބުރާސްފަތި ދުވަހަކީ ކޮވިޑް-19 އިން ދިފާޢުވުމަށް ޖަހާ ވެކްސިން ޖެހުމަށް ކިއު ދަމާލާ ދުވަހެކެވެ. މިގޮތުން މިއަދު ވެކްސިން ޖަހަން ކިއުގައި ތިބި މީހުންގެ އަދަދު ވަރަށް ގިނައެވެ. ސޯޝަލް ސެންޓަރުގައި ވެކްސިން ޖަހަން ގޮސް ތިބި މީހުންގެ ކިއު، އައިޖީއެމްއެޗް އާ ހަމައަށް ދަމާލާފައި އޮތެވެ.

Ads by Sosun Fihaara

ބުރާސްފަތި ދުވަހު ވެކްސިން ކިއު ދިގުވާ ސަބަބު ހޯދަން "ދެން" އިން ވެކްސިން ޖަހާ ސަރަހައްދަށް ގޮސް އެތާންގައި ތިބި މީހުންނާ ސުވާލު ކޮށްލީމެވެ.

"ބޮސް އަންގަނީ ބުރާސްފަތި ދުވަހު ވެކްސިން ޖަހަން. އޭރުން ވެކްސިން ޖެހީމަ ހުން އައިސްގެން ނުޖެހޭނެތާ އޮފީހަށް ނުގޮސް ހުންނާކަށް." އުމުރުން 30 އަހަރުގެ ވެކްސިން ޖެހުމަށް ކިއުގައި ޖެހިގެން ހުރި މީހަކު ބުންޏެވެ.

ވެކްސިން ޖަހަން ބުރާސްފަތި ދުވަހު ކިއު ދިގު ވަނީ، ބުރާސްފަތި ދުވަހު ވެކްސިން ޖެހުމަށް ބައެއް ކުންފުނި ތަކުން ބާރު އަޅާތީއެވެ. އަދި ބައެއް ކުންފުނިތަކުން މިގޮތަށް ކަންތައް ކުރަން މަޖުބޫރު ކަމަށް ވެސް ކިއުގައި ތިބި މީހުން ބުންޏެވެ.

"އޮފީސްއިން ބުނީ ސަލާމެއް ނުދެވޭނޭ ވެކްސިން ޖަހައިގެން ބަލިވެގެން. އިނގޭ ހުން އައިސް ބޮލުގައި ރިއްސާ ކަންކަން ވާނެކަން. ދެން އިތުރު ގޮތެއް ނެތިގެން މިއަދު ވެކްސިން ޖަހަން މިއައީ. މާދަން ހުކުރު ވީމަ، ރެސްޓް ކުރެވޭނެތާ." ވެކްސިން ކިއުގައި ހުރި އަންހެންކު "ދެން" އަށް ބުންޏެވެ.

މާލޭ ސަރަހައްދުގައި 3 ތަނެއްގައި ވެކްސިން ދިނުމުގެ ޚިދުމަތް ދެނީ ދެމުންނެވެ. ހެނދުނު 9:00 އިން ފެށިގެން 16:30 އަށް ވެކްސިން ޖަހާދެމުން އަންނައިރު، ވެކްސިން ޖަހަން ކިއުގައި ތިބި މީހުން މިވަގުތު ވަރަށް ގިނައެވެ.

މާލޭ ސަރަަހައްދުގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުން މިއަންނަ ހޯމަ ދުވަހު ހުއްޓާލާނެ ކަމަށް ހެލްތު މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

އިއްޔެވެސް މާލެ ސަރަހައްދުން 4،459 މީހަކަށް ވަނީ ވެކްސިން ދީފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!