ރައީސް ޕްރެޝަރ ކުރައްވަނީ ޔާމީން ބޭރަށް ފޮނުވާލުމަށް: ޑރ.ޖަމީލު
މަނީ ލޯންޑަރިންގގެ ކުށުގައި ޖަލު ޙުކުމެއް ތަންފީޒް ކުރައްވަމުން ގެންދަވާ ރައީސް އަބްދުﷲ ޔާމީން އަބްދުއްޤައްޔޫމް، ރާއްޖެއިން ފުރުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޕްރެޝަރ ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ޔާމީންގެ ޤާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ، ރައީސް ޔާމީންގެ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
މިއަދު ކުރެއްވި ޓްވީޓެއްގައި ޖަމީލު ވިދާޅުވީ، ރައީސް ޔާމީން ސްޓްރެސް ފްރީ މާހައުލެއްގައި އުޅެން ޖެހޭ ކަމަށް އެތައް ފަހަރެއްގެ މަތިން ލިޔުން ހުށަހަޅާފައިވާނެ ކަމަށެވެ.
ޑރ.ޖަމީލު މިފަދަ މޭރުމަކުން ޓްވީޓް ކުރައްވާފައި މިވަނީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގައި އަމަލީ ގޮތުން އިސްކޮށް އުޅުއްވި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ގޭގައި ބަހައްޓަން ޖެހޭ ކަަމަށް ޑޮކްޓަރު ދިން ފަދަ ލިއުމެއް ޔާމީންގެ ފަރާތްޕުޅުން ލިބިފައެއް ނެތް ކަމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޞާލިހް ވިދާޅުވުމާ ގުޅިގެންނެވެ.
މިކަމަށް ރައްދު ދެއްވަވާ، ޖަމީލް ވިދާޅުވީ، އަދީބާއި ޒިޔަތު ގެއަށް ބަދަލު ކުރުމަކީ ޔާމީންއާ ދެކޮޅަށް ހެކި ދެއްވުމުގެ "ހަދިޔާއެއް" ކަމަށެވެ. އަދި އަދީބާއި ޒިޔަތު ގޭގައި ތިބީ ޑޮކްޓަރެއްގެ ލިޔުމެއް އޮތުމުން ކަމަށް ރައީސް ވިދާޅުވުމަކީ ރައްޔިތުންނަކީ ތަނެއް ދޮރެއް ނޭނގޭ ބައެއް ކަމަށް ސިފަ ކުރެއްވުން ފަދަ ކަމެއް ކަމަށްވެސް ޖަމީލު ވިދާޅުވިއެވެ.