ޓޮއިލެޓް ޕޭޕަރ ވަގަށް ނެގި މީހުން 3 އަހަރަށް ޖަލަށް

ހޮންކޮންގުގައި ޓޮއިލެޓް ޕޭޕަރުތަކެއް ވަގަށް ނެގި ތިން މީހަކު 3 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފިއެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި އެމީހުން ޓޮއިލެޓް ޕޭޕަރުތައް ވަގަށް ނަގާފައި ވަނީ ކޮވިޑް-19 އެގައުމުގައި އެންމެ ފުރަތަމަ ފެތުރުނު ދުވަސްވަރުގައެެވެ. އަދި އެ ދުވަސްވަރަކީ އެގައުމުގައި ޓޮއިލެޓް ޕޭޕަރު "ރަނަށް" ވި ދުވަސް ކޮޅެއް ކަމަށާއި ގިނަ ފިހާރަތަކުން ވެސް ޓޮއިލެޓް ޕޭޕަރ ހުރީ ހުސްވެފައި ކަމަށް މީޑިއާތައް ބުނެއެވެ.
މިިދިޔަ އަހަރުގެ ފެބްރުވަރީ މަހު އެމީހުން ވަނީ 600 އަށް ވުރެ ގިނަ ޓޮއިލެޓް ރޯލް ވަގަށް ނަގާފައެވެ އަދި މިދިޔަ ބުރާސްފަތި ދުވަހު އެމީހުންގެ މައްޗަށް 40 މަސް ދުވަހުގެ ޖަލު ހުކުމެއް ވަނީ ކޮށްފައެވެ.
ވައްކަން ކުރި ކަމަށް އެ ތިން މީހުން ވެސް އެއްބަސް ވެފައިވާއިރު އެމީހުން ވަނީ ސުޕަރމާކެޓެއްގެ ޑެލިވަރީ ޑްރައިވަރަކަށް ވަޅިން ބިރު ވެސް ދައްކާފައެވެ. އަދި ޓޮއިލެޓް ޕޭޕަރުތައް ވަގަށް ނެގުމަށްފަހު އެމީހުން ވަނީ ބޮޑު އަގުގައި އެ ތަކެތި ވިއްކާފައެވެ. ނަމަވެސް މާ ގިނަ ދުވަހެއް ނުވެ ފުލުހުންގެ ސަމާލުކަމަށް އެކަން އައިސް އެމީހުން ވަނީ ހައްޔަރު ކޮށްފައެވެ.