މުޒާހަރާ ނުފަށަނީސް ޕީޕީއެމް އޮފީސް ސަރަހައްދަށް ނުވަދެވޭނެހެން ހުރިހާ މަގުތަކެއް ބަންދުކޮށްފި

އިދިކޮޅު ފަރާތްތަކުން ކޮންމެ ހުކުރު ދުވަހަކު ސިލްސިލާކޮށް ބާއްވަމުން އަންނަ މުޒާހަރާގެ ތެރެއިން މިއަދު ބާއްވަން އުޅުނު މުޒާހަރާ ނުފަށަނީސް ޕީޕީއެމް އޮފީސް ހިމެނޭ ސަރަހައްދު ބަންދުކޮށްފިއެވެ.
މިއަދު ޕީޕީއެމް އޮފީސް ހިމެނޭ ސަރަހައްދުގެ ހުރިހާ މަގެއް 2:30 ހާއިރުން ފަށައިގެން ވަނީ ބަންދު ކޮށްފައެވެ. އެގޮތުން މަޖީދީމަގާ ބޭރުމަގު ގުޅޭ ކަންމަތިން ބަންދު ކޮށްފައިވާއިރު ނިއުޕޯޓް ވިއު ކައިރިން ވެސް ވަނީ ބަންދު ކޮށްލާފައެވެ.
މި ސަރަހައްދުގައި މި ވަގުތު ވެސް ގިނަ އަދަދެއްގެ ފުލުހުން ހަރަކާތްތެރިވަމުން އަންނައިރު އިދިކޮޅުގެ ސަޕޯޓަރުން ޕީޕީއެމް އޮފީސް ކުރިމަތީގައި ކޮންމެވެސް ވަރަކަށް އެބަތިއްބެވެ.

ޕީޕީއެމް އޮފީސް ހިމެނޭ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ -- ދެން އިމޭޖްސް/ އިބްރާހިމް ޝަމްވީލް
މިދިޔަ ހުކުރު ދުވަހު އިދިކޮޅުން ވަނީ މާލޭގެ އެކި ސަރަހައްދުތަކުގައި މުޒާހަރާ ކުރިއަށް ގެންގޮސްފައެވެ. އަދި މުޒާހަރާ ތެރެއިން ގިނަ ބަޔަކު ވަނީ ހައްޔަރު ކޮށްފައެވެ. އަދި މުޒާހަރާ ރޫޅާލުމަށް ފުލުހުން ވަނީ ބާރުގެ ބޭނުން ކޮށްފައެވެ.

އިދިކޮޅުގެ ސަޕޯޓަރުން ޕީޕީއެމް އޮފީސް ކުރިމަތީގައި -- ދެން އިމޭޖްސް/ އިބްރާހިމް ޝަމްވީލް
އިދިކޮޅު ފަރާތްތަކުން މާލޭގައި މުޒާހަރާ ކުރަން ނިންމާފައިވަނީ މާލޭ ސަރަހައްދުގައި 5 މީހުންނަށްވުރެ ގިނަ މީހުން އެއްތަން ނުވުމަށް އަންގާފައި ވަނިކޮށެވެ. ފުލުހުން ވަނީ މުޒާހަރާތަަކަކީ ޤާނޫނާ ޚިލާފު މުޒާހަރާތަކެއް ކަމަށް ނިންމާ، މުޒާހަރާ އިންޒާރަކާ ނުލާ ރޫޅާލާނެ ކަމަށް ނިންމާފައެވެ.