އީވާ މިވަނީ ފާޅުގައި މާތް ﷲ ގެ ވަޙީ ބަސްފުޅު ދޮގުކޮށް، އިންކާރުކޮށް، ފުރައްސާރަ ކޮށްފަ: ޝެއިޚް އާދަމް ނިޝާން
އަންހެން ކުދިންނާއި އަންހެނުން ޢައުރަ ނިވާކުރަން ވާނެ ކަމަަށްބުނެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު ޢިޔާޟް އަބްދުއްލަތީފް ދެއްވި ނަސޭޙަތުގެ ބަސްފުޅަކަށް، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ބޭއަދަބީކޮށް ޖަވާބު ދެއްވުމުން، ޝެއިޚް އާދަމް ނިޝާން ބިން އަލީ އާދަމް ރައްދު ދެއްވައިފިއެވެ.
އީވާ ޑރ. ޢިޔާޟް އާއި ދިމާލަށް ވިދާޅުވެފައިވަނީ ކުށްތަކުގެ ޝިކާރައަށް އަންހެން ކުއްޖަކު ދަނީ އެއް ގޮތަކަށް ވެސް އޭނާ ލައިގެން ހުންނަ ހެދުމެއްގެ ސަބަބުން ނޫން ކަމުގައެވެ.
"ޓުވިޓާ ހޭންޑަލްގެ ކުރިއަށް ޑޮކްޓަރު ޖަހާލާފައި، ޓީވީއަށް އަރާ އިނދެ ޝެއިޚް ކިޔާލާފައި މި ލިޔެލަނީ އަންހެން މީހާ އައުރަ ނިވާ ވީމާ ޖިންސީ އަނިޔާއެއް ނުހިނގާނޭ. މިހެން މި ލިޔެލަނީ. މީ މުޑުދާރު ވާހަކައެއް. މީ މުޑުދާރު ވާހަކައެއް،" އީވާ ވިދާޅުވެފައިވެއެވެ.
އީވާގެ އެބަސްތަކަށް ރައްދު ދެމުން ޝެއިޚް އާދަމް ނިޝާން ވިދާޅުވީ އީވާ އެވަނީ ފާޅުގައި ﷲ ޠަޢާލާގެ ވަޙީ ބަސްފުޅު ދޮގުކޮށް އިންކާރުކޮށް ފުރައްސާރަ ކޮށްފައިކަމަށެވެ.
ޝެއިޚް ނިޝާން ފޭސްބުކްގައި ކުރި ޕޯސްޓު:
" 'ޚަބަރުދާރު! ހަމަމިހާރު ހުއްޓާލާ!' ތިޔަ އިންކާރުކޮށް ފުރައްސާރަކުރަނީ ﷲ ގެ ވަޙީ ބަސްފުޅަށް.
އީވާޔަކަސް ޝަހިންދާޔަކަސް ޝާދިޔާއަކަސް އަދި އެނޫން ލާދީނީ ކޮންމެ މީހަކަށް ވިޔަސް، މިއިސްލާމީ ދީބުގައި؛ ބަރަހަނާވެ އޮރިޔާންވެ، ބަނގުރާބޮއެ މަސްތުވެ، ޒިނޭކޮށް އެއްޖިންސުން ގުޅުން ހިންގުން ހުއްދަކޮށް، ތިމާމެން ބޭނުންހާ ގޮތަކަށް ބިރަކާނުލާ މަޖާކުރަން ވަކާލާތުކޮށް، ﷲ ގެ ވަޙީ ބަސްފުޅު ދޮގުކޮށް އިންކާރުކޮށް އެއީ "މުޑުދާރު" އެއްޗެކޭ ބުނުމުގެ ޙައްޤެއް ނޯންނާނެ.
އަންހެނުން ޖިލްބާބު ލައި، ޙިޖާބްވެ، ޢައުރަ ނިވާކުރުމަށް އަންގައި އަދި އެއީ ޖިންސީ ގޯނާތަކުން ރައްކާތެރިވާނެ ކަމެއްކަމަށް ބުނުމަކީ އެއީ ޑރ.ޢިޔާޟް ނުވަތަ އެއްވެސް ޝެއިޚެއްގެ ބަހެެއް ނޫން. އެއީ ﷲ ތަޢާލާގެ ވަޙީ ބަސްފުޅެއް. އެއިލާހުގެ ޙުކުމްފުޅެއް.
ﷲ ތަޢާލާ ވަޙީކުރައްވަަފައިވަނީ:
(يَٰٓأَيُّهَا ٱلنَّبِيُّ قُل لِّأَزۡوَٰجِكَ وَبَنَاتِكَ وَنِسَآءِ ٱلۡمُؤۡمِنِينَ يُدۡنِينَ عَلَيۡهِنَّ مِن جَلَٰبِيبِهِنَّۚ ذَٰلِكَ أَدۡنَىٰٓ أَن يُعۡرَفۡنَ فَلَا يُؤۡذَيۡنَۗ وَكَانَ ٱللَّهُ غَفُورٗا رَّحِيمٗا) سورة الأحزاب:59
"އޭ ނަބިއްޔާއެވެ! ކަލޭގެފާނުގެ އަނބިއަނބިކަނބަލުންނާއި، ކަލޭގެފާނުގެ ދަރިދަރިކަނބަލުންނާއި، މުއުމިނު އަންހެންކަނބަލުންނަށް، އެކަނބަލުންގެ ޖިލްބާބުތަކުން (ފޭރާންތަކުން) ނިވައިވެތިބުމަށް ކަލޭގެފާނު އެކަނބަލުންނަށް ވިދާޅުވާށެވެ! އެއީ އެކަނބަލުންނަކީ މިނިވަން މުއުމިނު އަންހެން ކަނބަލުންކަން އެނގިގެން ވުމަށާއި، އަދި އެކަނބަލުންނަށް (ފާސިގުންގެ ފަރާތުން) ގޯނާއާއި އުނދަގޫ ނުލިބުމަށް އެގޮތް މާގާތްކަން ބޮޑުވެގެންވާތީއެވެ."
އީވާ މިވަނީ ފާޅުގައި ﷲ ތަޢާލާގެ މިވަޙީ ބަސްފުޅު ދޮގުކޮށް އިންކާރުކޮށް، މިއާޔަތުގައި މިވާ ﷲ ތަޢާލާގެ ވަޙީ ބަސްފުޅަކީ މުޑުދާރު ބަސްފުޅެކޭ ބުނެ، ﷲ ގެ ޙުކުމްފުޅުކަމުގައިވާ ޢައުރަ ނިވާކޮށް ޙިޖާބުވުމުގެ އާޔަތަށާއި ޙުކުމްފުޅަށް ފާޅުގައި ކާފަރުވެ އިންކާރުކޮށް ފުރައްސާރަކޮށްފައި.
މިއީ ދީނީގޮތުން އެންމެ ބޮޑު އެއްފާފައަށްވުމުގެ އިތުރަށް، މިރާއްޖޭގައި ހެދިފައި އޮތް ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރާ ޤާނޫނުގެ ދަށުންވެސް ބޮޑު ކުށެއް. އެހެންކަމުން މިފަދަ ފަރާތްތަކާއިމެދު ވަޤުތުން ފިޔަވަޅު އެޅުމަކީ ޤާނޫނު ނެގެހެއްޓުމުގެ ޒިންމާ ބޮލުގައި އެޅިފައިވާ ކޮންމެ ފަރާތެއްގެވެސް ޒިންމާއެއް."