ސަޢީދު ފުލުހުންނަށް: އެމްޑީޕީއަށް ފިޔަވަޅު އަޅަން ކެރިދާނެތޯ؟

އެމްޑީޕީއިން ކުރިޔަށް ގެންދިޔަ ޖަލްސާގައި އެޗްޕީއޭގެ މިންގަޑާ ޚިލާފުވެފައިވާ ކަމަށާއި މިކަމުގައި ފިޔަވަޅު އަޅަން ކެރިދާނެތޯ އިދިކޮޅު ޕީއެންސީގެ ނާއިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ސުވާލު އުފައްދަވައިފިއެވެ.
ފަސް މީހުންނަށް ވުރެ ގިނަ މީހުން އެއްފަހަރާ ޢާންމު ތަންތަނަށް ނުނިކުމެވޭނެކަމަށް ކަނޑައަޅާ އެޗްޕީއޭއިން ގައިޑްލައިން ޢާންމު ކޮށްފައި ވަނިކޮށް އިއްޔެ އެމްޑީޕީއިން ހުޅުމާލޭގަައި ޖަގަހައެއް ހުޅުވުމުގެ ރަސްމިއްޔާތެއް ވަނީ ކުރިޔަށް ގެންގޮސްފައެވެ. މި ޖަލްސާގައި ރައީސް ނަޝީދު ވެސް ވަނީ ބައިވެރި ވަޑައިގެންފައެވެ.
އެމްޑީޕީއިން ބުނެފައި ވަނީ އެޕާޓީގެ ހަރަކާތް ބާއްވާފައި ވަނީ އެޗްޕީއޭގެ ހުއްދައާއެކުގައި ކަމަށެވެ. އެ ޚަބަރު ޓްވީޓް ކުރައްވާ ސަޢީދު ވިދާޅުވީ، އެއްވެސް ހައްގަކަށް ބެލުމެއް ނެތި އެޗްޕީއޭއަށް ފެންނަނީ ރައީސް ނަޝީދާއި ރައީސް ޞާލިޙް ކަމަށެވެ. އަދި ސަޢީދު ވަނީ ހަރަކާތުގެ ބައިވެރިން ޖޫރިމަނާ ކުރެވޭނެތޯ އެޗްޕީއޭއާއި އިލެކްޝަންސް ކޮމިޝަނާ ސުވާލު ކުރައްވާފައެވެ.
އިދިކޮޅު ފަރާތްތަކުން ދަނީ ސަރުކާރުގެ ފަރާތްތަކުން ކެންޕެއިން ކުރުމަށް ރަށްރަށް ދަތުރު ކުރާ ކަމަށް ތުހުމަތު ކޮށްފައެވެ. އަދި ކެންޕެއިން ކުރުމުގެ ހަމަ ހަމަ ފުރުސަތެއް ނެތް ކަމަށް ޕީޕީއެމް އިން ދަނީ ބުނަމުންނެވެ.