ދުވަސްތަކަކަށް ފަހު މަރިޔަމް ނިޝާގެ ފެނިލުމެއް ރޯމަންގެ ޓިކްޓޮކް އަކުން
ދިވެހި ފިލްމް އިންޑަސްޓްރީން މިހާތަނަށް ފެނުނު އެންމެ މަގްބޫލު، ދެވަނައެއް ނެތް މަރިޔަމް ނިޝާ އަކީ އާންމުންގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ދެވަނައެއް ނެތް ކުޅަދާނަ ތަރިއެކެވެ. ދިވެހިރާއްޖޭގެ ގިނަ ބައެއްގެ ލޯބި ހޯދާފައިވާ އަދި ގިނަ ބައެއްގެ މެދުގައި މަޤުބޫލުކަން ހޯދައިފައިވާ ފިލްމީތަރި މަރިޔަމް ނިޝާ ދުވަސްތަކަކަށް ފަހު ޓިކްޓޮކް ވީޑިއޯއަކުން ފެނިގެން ދިޔުން ވެގެން ދިޔައީ އާންމުންނާއި، ނިޝާގެ ފޭނުންނަށް ލިބުނު ބޮޑު ސަޕްރައިޒް އަކަށެވެ.
ދިވެހި ފިލްމީ ދާއިރާގެ އުދަރެހަށް މިހާރު ކުރިއަރައިގެން އަންނަ ތަރިންގެ ތެރެއިން މުހައްމަދު ވިޝާލް އާންމުކޮށް ކިޔާ ނަމުން ނަމަ ރޯމަން އަކީ ޓިކްޓޮކުން ވެސް އާންމުންނަށް އޭނާގެ ހުނަރު ދައްކަމުން އަންނަ ހުނަރުވެރި ފަންނާނެކެވެ. ގިނަ ފިލްމީ ތަރިންނާއެކު ވީޑިއޯ ކުޅެފައިވާ ރޯމަން އާންމުންނަށް އިއްޔެ ދޫކޮށްލި ޓިކްޓޮކުން ދިވެހި ފިލްމް އިންޑަސްޓްރީ މިހާތަނަށް ދުށް އެންމެ ވަރުގަދަ އަންހެން ތިން ފަންނާނުން ފެނިގެން ދިޔައެވެ. އެ ފަންނާނުންނަކީ ޝިރާނީ، ނިޝާ އަދި ނިއުމާއެވެ.
ނިޝާއާއެކު ފެނިގެންދިޔަ ޓިކްޓޮކް މިހާތަނަށް 38 ހާހަށްވުރެ ގިނަ މީހުން ބަލާފައިވެއެވެ. ރޯމަން ބުނާ ގޮތުން އެއީ އޭނާއާ ނިޝާ ބައްދަލުވި ފުރަތަމަ ފަހަރެވެ. މީގެ އިތުރުން ދެން ފެނުނު ދެ ފަންނާނުން ކަމަށްވާ ޝިރާނީ އަދި ނިއުމާގެ ޓިކްޓޮކް ވެސް ގިނަ އަދަދެއްގެ މީހުން ބަލާފައި ވެއެވެ.
މަރިޔަމް ނިޝާއަކީ މިއަދު ފިލްމީ ދާއިރާއަށް އަލަށް ނުކުންނަ ކުދިން "ރޯލް މޮޑެލް" އެއްގެ ގޮތުން ބަލާ އެއް ފަންނާނެވެ. މިދާއިރާގައި މިހާރު ނުފެނުނު ކަމުގައި ވިޔަސް ގިނަދުވަހު ފިލްމީ ދާއިރާގައި މަސައްކަތް ކޮށްފައިވާ އަދި ގިނަ ފިލްމުތަކާއި ލަވަތައް އާންމުންނާ ހަމަޔަށް ދޫކޮށްލި ފަންނާނުންގެ ތެރެއިން އެކަކަކީ ނިޝާކަން ޔަގީނެވެ. ސޯޝިއަލް މީޑިއާގެ އެކި ޕްލެޓްފޯމު ތަކުގައި ނިޝާ އެނބުރި އަންނަ ވާހަކަތައް ވަނީ ދެކެވެން ފަށާފައެވެ. އާންމުންގެ އުންމީދަކީ ނިޝާ އެނބުރި ފިލްމީ ދާއިރާއިން ފެނިގެން ދިޔުމެވެ.