ޚަބަރު

އެޗްޕީއޭ ގައިޑްލައިންތަކުގެ ސަބަބުން ވިޔަފާރިތަކަށް ގެއްލުންވާ މައްސަލަ މަޖިލީހަށް

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ކޮވިޑް-19 އާ ގުޅިގެން އެޗްޕީއޭއިން އަޅާފައިވާ ގައިޑްލައިންތަކުގެ ސަބަބުން ރާއްޖޭގެ ކެފޭ ރެސްޓޯރެންޓް ފަދަ ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތައް ވަމުންދާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު، މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

Ads by Sosun Fihaara

ކުރީ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ސައީދު މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައިގެ ތަފްސީލް ހާމަ ކުރައްވައި ކުރެއްވި ޓްވީޓުގައި ސައީދު ވިދާޅުވީ އެ މައްސަލައަކީ އެޗްޕީއޭގެ ގައިޑްލައިންތަކުގެ ސަބަބުން ގިނަ ބައެއްގެ ވަޒީފާ ގެއްލި، އިގްތިސޯދަށް ނުރައްކާވަމުން އަންނާތީ އެކަމަށް ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އަޅައިދިނުމަށް ގޮވާލާ ހުށަހެޅި މައްސަލައެއް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 170 ވަނަ މާއްދާގެ ދަށުން ސައީދު ހުށަހެޅި ކުއްލި މައްސަލައިގައި ބުނާ ގޮތުގައި އެޗްޕީއޭގެ ގައިޑުލައިނުގެ ސަބަބުން ރާއްޖޭގެ އެކި ރަށް ރަށާއި މާލޭ ސަރަހައްދުގެ ވިޔަފާރި ކުރާ އެތައް ފަރާތެއް ގޮތް ހުސްވެފައިވާ ކަމަށާއި ކެފޭ ރެސްޓޯރެންޓާއި ކުދި ވިޔަފާރިތަކުގެ އިތުރުން ޓެކްސީ އާއި ޕިކަޕް ހިދުމަތްތައް ދޭ ފަރާތްތަކުގެ ވިޔަފާރިތައް ހީނަރުވަމުން އަންނާތީ އެކަމަށް އަވަސް ފިޔަވަޅެއް އެޅުމަށް ވެސް ވަނީ އެދިވަޑައިގެންފައެވެ.

މާލެ ސަރަހައްދުގައި ހިންގާ ކެފޭ އާއި ހޮޓާ / ރެސްޓޯރަންޓް ފަދަ އާންމުންނަށް ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަނުން ޓޭކް އަވޭ އާއި ޑެލިވަރީގެ ހިދުމަތް ފިޔަވައި އެހެން ހިދުމަތް ރޭގަނޑު 8 އިން ފެށިގެން ހުއްޓާލަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އަންގާފައެވެ. އަދި އެ ކަމުގެ މުއްދަތު މިހާރު ދެ ފަހަރެއްގެ މަތިން ވަނީ އިތުރު ކޮށްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!