ރާއްޖޭގައި ހިންގާ ޓްރާންސެކްޝަންތަކުގައި ޑޮލަރުގެ މުއާމަލާތްތައް ކުރުން ހުއްޓާލަން އަންގައިފި

ރާއްޖޭގައި ހިންގާ ބޭންކުތަކުން ދޫކުރާ ވިސާ ކާޑުތަކުން، ރާއްޖޭގައި ކުރާ ޑޮލަރުގެ މުއާމަލާތްތައް ހުއްޓާލަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ބޭންކުތަކަށް އަންގައިފިއެވެ.
މަރުކަޒީ ބޭންކު. އެމްއެމްއޭއިން މިއަދު ބޭންކުތަކަށް ފޮނުވި އެންގުމެއްގައި ބުނެފައިވާ ގޮތުގައި ރާއްޖޭގައި ނަގާފައިވާ ވިސާ ކާޑުތަކަށް ރާއްޖޭގެ އެތެރޭގެ ހުރިހާ ޓްރާންސެކްޝަންތަކެއް ހިންގަން ޖެހޭނީ ދިވެހި ރުފިޔާއިންނެވެ.
މިގޮތަށް އަމަލުކުރަން ފަށާނީ އަންނަ މަހުގެ 15 އިން ފެށިގެންނެވެ. މި އުސޫލުގައި ރިސޯޓުތަކާއި ގެސްޓް ހައުސްތައް ވެސް ހިމެނޭނެ ކަމަށް ވެސް އެ އެންގުމުގައި ވަނީ ފާހަގަ ކޮށްފައެވެ.
ރާއްޖޭގައި ވިސާ ކާޑު ދޫކުރަމުން އަންނަނީ ބީއެމްއެލް އާއި، ސްޓޭޓް ބޭންކް އޮފް އިންޑިއާ އާއި ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް އިންނެވެ.
ޑޮލަރުގެ ދަތިކަން ރާއްޖެ އަށް ކުރިމަތިވުމާ ގުޅިގެން ރާއްޖޭގައި ޑޮލަރު ހިފެހެއްޓުމާ ގުޅޭ ގޮތުން ސަރުކާރުން އަންނަނީ އެކި ފިޔަވަޅުތައް އަޅަމުންނެވެ. އަދި ރާއްޖެ އަށް ވަންނަ ޑޮލަރު އެކި ގޮތްގޮތަށް ބޭރުވެގެން ދާތީ އެކަމަށް އެމްއެމްއޭ އިން އަންނަނީ ވެސް ފިޔަވަޅު އަޅަމުންނެވެ.