ޚަބަރު

ކޮވިޑް-19: މިއަދު ފައްސިވީ މީހުންގެ އަދަދު އިތުރުވެއްޖެ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން
ކޮވިޑް-19 އަށް ޓެސްޓް ކުރަނީ -- ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

މާލެއިން ފައްސިވި 132 މީހުންނާއެކު ރާއްޖެއިން އިތުރު 152 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ. މިއީ ފާއިތުވި ދުވަސްތަކާ ބަލާއިރު ފައްސިވީ މީހުންގެ އަދަދު އިތުރުވި ދުވަހެކެވެ.

Ads by Sosun Fihaara

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާއްމުކޮށްފައިވާ ސާވޭލަންސް ޑޭޓާއަށް ބަލާއިރު މިއަދު ރާއްޖެއިން ކޮވިޑަށް ފައްސި ވެފައިވަނީ މާލެއިން 132 މީހުންނާއި، އަތޮޅުތެރެއިން 15 މީހުންނެވެ.

މިއަދު ފައްސިވީ މީހުންނާއެކު މިހާރު ރާއްޖެއިން މިބައްޔަށް ޖުމްލަ 21,819 މީހުން ވަނީ ފައްސި ވެފައެވެ.

ރާއްޖެއިން މިހާރު ކޮވިޑް ބަލިން ފަސޭހަ ވެފައިވަނީ ޖުމްލަ 19،342 މީހުންނެވެ. އަދި މިހާތަނަށް މިބަލީގައި ރާއްޖެއިން 64 މީހުން ނިޔާ ވެފައިވެއެވެ.

ހޮސްޕިޓަލުތަކުގައި މިހާރު ފަރުވާ ހޯދަމުން ދަނީ 125 މީހުންނެވެ.

އެޗްޕީއޭ އިން އަނެއްކާވެސް ވަނީ ކޮވިޑް ފެތުރުން ކޮންޓްރޯލު ކުރުމަށް ބައެއް ފިޔަވަޅުތައް އަޅާފައެވެ. އެގޮތުން އިރުއޮއްސި 6:00 އިން ފެށިގެން އަނެއް ދުވަހުގެ ހެނދުނު 6:00 އަށް މާލެ ސަރަޙައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާ ކޮށްފައިވާއިރު ރޭގަނޑު 11:00 އިން ފަތިހު 4:30 އަށް ބޭރުގައި އުޅުން ވެސް މަނަލެވެ. މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިހާރު މާސްކު އެޅުން ވެސް މަޖުބޫރު ކޮށްފައިވާއިރު، ފަސް މީހުންނަށްވުރެ ގިނައިން ބޭރުގައި އުޅުން ވެސް ވަނީ މަނާ ކޮށްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!