ކޮވިޑް-19: މާލެއިން ފައްސިވީ 112 މީހުންނާއެކު މިއަދު ފައްސިވީ 142 މީހުން
ކޮވިޑް-19 އަށް ރާއްޖެއިން މިއަދު އިތުރު 142 މީހުން ފައްސިވެ 177 މީހުން ބަލިން ރަނގަޅު ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާއްމު ކޮށްފައިވާ ސާވޭލަންސް ޑޭޓާއަށް ބަލާއިރު މިއަދު ރާއްޖެއިން ކޮވިޑަށް ފައްސި ވެފައި ވަނީ މާލެއިން 112 މީހުންނާއި، އަތޮޅުތެރެއިން 11 މީހަކާއި، ހިންގަމުން އަންނަ ރިސޯޓުތަކުން 19 މީހުންނާއި އިންޑަސްޓްރިއަލް އައިލެންޑުން އެކަކެވެ.
މިހާރު ރާއްޖެއިން މިބައްޔަށް ޖުމްލަ 21،961 މީހުން ފައްސި ވެފައި ވެއެވެ.
ރާއްޖެއިން މިހާރު ކޮވިޑް ބަލިން ފަސޭހަ ވެފައިވަނީ ޖުމްލަ 19،519 މީހުންނެވެ. އަދި މިހާތަނަށް މިބަލީގައި ރާއްޖެއިން 64 މީހުން ނިޔާވެެފައި ވެއެވެ.
ހޮސްޕިޓަލުތަކުގައި މިހާރު ފަރުވާ ހޯދަމުން ދަނީ 118 މީހުންނެވެ. އަދި ރާއްޖެއިން ކޮވިޑަށް ޓެސްޓު ކުރަން މިހާރު 589،866 ސާމްޕަލް ނަގައިފައި ވެއެވެ.
ރާއްޖޭގައި މިފަހަކަށް އައިސް ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވުމަށް ފަހު، މިއަދު މިވަނީ އަދަދު ތަންކޮޅެއް ދަށަށް ގޮސްފައެވެ.
އެހެންކަމުން އެޗްޕީއޭ އިން އަނެއްކާވެސް ވަނީ ކޮވިޑް ފެތުރުން ކޮންޓްރޯލު ކުރުމަށް ބައެއް ފިޔަވަޅުތައް އަޅާފައެވެ. އެގޮތުން އިރުއޮއްސި 6:00 އިން ފެށިގެން އަނެއް ދުވަހުގެ ހެނދުނު 6:00 އަށް މާލެ ސަރަޙައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާ ކޮށްފައިވާއިރު ރޭގަނޑު 11:00 އިން ފަތިހު 4:30 އަށް ބޭރުގައި އުޅުން ވެސް މަނަލެވެ. މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިހާރު މާސްކު އެޅުން ވެސް މަޖުބޫރު ކޮށްފައިވާއިރު، ފަސް މީހުންނަށްވުރެ ގިނައިން ބޭރުގައި އުޅުން ވެސް ވަނީ މަނާ ކޮށްފައެވެ.