އެމެރިކާގައި 1.4 މިލިއަން މީހުންނަށް ދެވަނަ ޑޯޒް ޖެހުމުގައި ހުރަސްތަކެއް
އެމެރިކާގައި ކޮވިޑް-19 ވެކްސިންޖެހި އާބާދީގެ 12 އިންސައްތަ މީހުން ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައި ވަނީ ލަހުން ކަމަށް އެމެރިކާގެ ސެންޓަރ ފޯރ ޑިޒީޒް ކޮންޓްރޯލް އިން ހާމަ ކޮށްފިއެވެ.
ސީޑީސީ ގެ ތަފާސްހިސާބުން ދާއްކާ ގޮތުގައި އެމެރިކާގެ އާބާދީގެ ގާތްގަޑަކަށް 12.5 މިލިއަން މީހުން މިހާތަނަށް ވަނީ ވެކްސިން ޖަހާފައެވެ. މީގެތެރެއިން 10.9 މިލިއަން މީހުން ވަނީ ފުރަތަމަ ޑޯޒް ޖެހިތާ 42 ދުވަސް ތެރޭގައި ދެވަނަ ޑޯޒް ޖަހާފައެވެ. އެއީ ވެކްސިން ޖެހިމީހުންގެ 88 އިންސައްތަ އެވެ. ގާތްގަޑަކަށް 9 އިންސަައްތަ މީހުން ދެވަނަ ޑޯޒް ޖަހާފައިވަނީ ތާރީޚް ފަހަނަ އަޅާ ދިޔަ ފަހުންނެވެ.
މިރިޕޯޓުން ދައްކާ ގޮތުގައި ކޮންމެ 10 މީހަކުން 9 މީހެއް ވަނީ ވެކްސިންގެ ދެ ޑޯޒް ހަމަކޮށްފައެވެ. ފައިޒާ ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުން 21 ދުވަސް ފަހުން ދެވަނަ ޑޯޒް ޖެހުމަށް އަދި މޮޑާނާ ވެކްސިން ޖެހި މީހުން 28 ދުވަސް ފަހުން ދެވަނަ ޑޯޒް ޖެހުމަށް ވަނީ އަންގާފައެވެ. ނަމަވެސް ޖެނުއަރީ މަހުގެ ފަހުކޮޅު މި މުއްދަތު ވަނީ 42 ދުވަހަށް ބަދަލު ކޮށްފައެވެ. މިބަދަލު ގެނެވުނީ ވެކްސިންގެ ދެވަނަ ޑޯޒް ޖަހާ ފަރާތްތަކުގެ ތެރެއިން ދެވަނަ ޑޯޒް ޖެހުމުގައި ދަތިތަކާ ދިމާވާ ފަރާތްތަކަށް ވެކްސިން ޖެހުމުގައި ލުއިފަސޭހަ ކުރުމުގެ ގޮތުންނެވެ.
އެމެރިކާގައި އެއް ޑޯޒް ޖަހަން ޖެހޭ ޖޮންސަން & ޖޮންސަން ވެކްސިން ޖެހުމުގެ ހުއްދަ ދީފައެއް އަދި ނުވެއެވެ. ކޮންމެ ދުވަހެއްގެ މައްޗަށް 2 މިލިއަން މީހުން އެމެރިކާގައި ވެކްސިން ޖަހައެވެ. އެމެރިކާގައި ކޯވިޑް-19 ޖެހިގެން ޖުމްލަ 550,699 މީހުން މަރުވެފައިވާއިރު ޖުމްލަ 30,294,798 މީހުންނަށް ވަނީ މިބަލި ޖެހިފައެވެ.