ވިލިމާލޭގައި 10 ބުރިއަށް އިމާރާތް ކުރެވޭ ގޮތަށް ގަވާއިދު ބަދަލު ކުރުމަށް ހުށަހަޅާނަން: ޑރ.މުޢިއްޒު
ސިޓީ ކައުންސިލަށް ހޮވި ވަޑައިގެންފިނަމަ، ވިލިމާލޭގައި 10 ބުރިއަށް އިމާރާތް ކުރުމަށް ހުއްދަ ހޯއްދެވުމަށް ސަރުކާރަށް ހުށަހަޅުއްވާނެ ކަމަށް ޕީޕީއެމްއިން މާލޭގެ މޭޔަރު ކަމަށް ވާދަ ކުރައްވާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޕީޕީއެމުން ވިލިމާލެއަށް ކުރިމަތިލައްވާފައިވާ ކެނޑިޑޭޓް ނަހުލާ އަލީގެ ކެންޕެއިން ޖަހަގަ ހުޅުވުމަށް މިިއަދު ވިލިމާލޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މުޢިއްޒު ވިދާޅުވީ އިމާރާތް ކުރުމުގެ ގަވާއިދު އެގޮތަށް ބަދަލު ކުރުމުގެ ބޭނުމަކީ ވިލިމާލޭގައި އިތުރު ބަޔަަކު ވަޒަންވެރި ކުރުވުން ނޫން ކަމަށާއި ބޭނުންފުޅު ވަނީ ވިލިމާލޭގައި މިހާރު ދިރިއުޅުއްވާ ފަރާތްތަކަށް ނޭވާލާނެ މާހައުލެއް ހޯއްދަވައި ދެއްވުމަށް ކަމަށެވެ.
"އަޅުގަނޑު ދޭން ބޭނުންވާ ޔަޤީން ކަމަކީ، ވިލިމާލޭ ރައްޔިތުންގެ ފަރާތުން ސަރުކާރަށް ހުށަހަޅާނެ އެންމެ ބޮޑު އެއް ކަމަކީ ވިލިމާލޭގައި އިމާރާތް ކުރާ އުސްމިން 10 ބުރިއާ ހަމައަށް ގެންދިމަށް ޤަވާއިދު ބަދަލު ކުރުން" މުޢިއްޒު ވިދާޅުވިއެވެ.
މުޢިއްޒު ވިދާޅުވީ މިގޮތަށް އިސްލާޙް ގެނެވިއްޖެނަމަ އެކަމުގެ ސަބަބުން ވިލިމާލޭގެ ރައްޔިތުންނަށް ލޯނު ހޯދަން ފަސޭހަ ތަކެއް ކުރިމަތިވާނެ ކަމަށާއި ގެދޮރުވެރިކަމަށް މިކަމުގެ ސަބަބުން ލުއި ތަކެއް އަންނާނެ ކަމަށެވެ. އަދި މިކަމަަކީ، ވިލިމާލޭގެ އާބާދީ އިތުރު ކުރަން ނުވަތަ އެހެން ރަށްރަށުން ވިލިމާލެއަށް ބަޔަކު ގެންދަން ކުރާ މަސައްކަތެއް ނޫންކަން ފާހަގަކޮށް މުޢިއްޒު ވިދާޅުވީ، ވިލިމާލޭގައި އޮތް އެންމެ ބޮޑު މައްސަލައަކީ ގެދޮރުގެ މައްސަލަތައް ކަމަށާއި ނިކަމެތި ރައްޔިތުންނަށް "ނޭވާ ލެވޭނެ" މާހައުލެއް ހޯއްދެވުމަށް ،މަސައްކަތް ކުރައްވާނެ ކަމަށެވެ.
ގެދޮރުވެރިކަމުގެ މައްސަލައަށް އަލިއަޅުއްވާލާ މުޢިއްޒު އިތުރަށް ވިދާޅުވީ، ވިލިމާގައި ހައުސިންގ ޕްރޮޖެކްޓްތައް ހިންގުމުގެ ޖާގަ އެބައޮތް ކަމަށާއި މިގޮތުން މިހާރު ބޭނުން ކުރަމުންދާ ބިންތައް ނޫން އިތުރު ބިންތަކުގައި 500 އަށްވުރެ ގިނަ ހައުސިންގް ޕްރޮޖެކްޓް ހިންގޭނެ ކަަމަށެވެ.
"ވިލިމާލޭގައި ހައުސިންގ ޕްރޮޖެކްޓްތައް ވިލިމާލޭގެ ރައްޔިތުންނަށްޓަކައި ހިންގޭނެ ޖާގަ ވިލިމާލޭގެ ބިމުގައި އެބަހުރި. ވިލިމާލެ ވެގެންދާނީ އެންމެ އިސްކަމެއް ދީގެން ގެދޮރުގެ މައްސަލަ ހައްލު ކުރެވޭ ތަނަކަށް." މުޢިއްޒު ވިދާޅުވިއެވެ.
ސިޓީ ކައުންސިލަށް ހޮވި ވަޑައިގެންފިނަމަ މަސައްކަތް ކުރައްވާނީ ރައްޔިތުންނާއެކީ ރައްޔިތުންގެ ބަސް ސަރުކާރަށް ކައުންސިލް މެދުވެރިކޮށް އިއްވާދިނުމަށް ކަމަށް ވިދާޅުވާ ވިދާޅުވުން މުއިއްޒު ވަނީ ތަކުރާރު ކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، ސަރުކާރަށް ހުށަހަޅަން ޖެހޭ ކަންކަން ހުށަހެޅުމުގައި ފަހަތަށް ނުޖެހޭނެ ކަމަށާއި ރައްޔިތުންނާއެކީ މަސައްކަތްފުޅު ކުރައްވާނެ ކަމަށެވެ.