ލޮކްޑައުން ނިމުމަކަށް ގެންނަންޖެހޭ: ރައީސް ނަޝީދު

ކެފޭ ރެސްޓޯރެންޓު ހިންގާ ފަރާތްތަކަށް ވަމުން އަންނަ ގެއްލުންތައް ކުޑަކުރެވެން އޮތީ ލޮކްޑައުން އުވާލައިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު އިސްކޮށް ހުންނަވައިގެން ކުރިޔަށް ގެންދަވާ “ބަރުލަމާނީ” ވަޓްސްއެޕް ގްރޫޕަށް ކުރެއްވި މެސެޖެއްގައި ރައީސް ނަޝީދު ވިދާޅުވީ ހޮޓާ، ކެފޭ، ރެސްޓޯރެންޓުތަކުގެ ވެރިން މިއަދު ވަރަށް ބޮޑަށް ހާލުގައި ޖެހިފައިވާ ކަމަށެވެ.
އަދި މިކަންކަން ހައްލު ކުރުމަށް ސަރުކާރުން އެހީވާން ޖެހޭ ކަމަށާއި މިކަން ކުރެވޭނީ މިހާރު އޮތް ލޮކްޑައުން އުވާލައި، މިކަން ނިމުމަކަށް ގެނެސްގެން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
"މިކަން މިގޮތަށް ނުބޭއްވޭނެ. ލޮކްޑައުން އުވާލަންވީ." ރައީސް ނަޝީދު ވިދާޅުވިއެވެ.
ކޮވިޑް19 އިން ރައްކާތެރިވުމުގެ ގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ކެފޭ ރެސްޓޯރަންޓުތަކުގެ ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެމުން އަންނާތީ ރެސްޓޯރެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި މޯލްޑިވްސް އީޓަރީ ޔޫނިއަން އިސްނަގައިގެން ވަނީ އަނެއްކާ ވެސް ހަޅުތާލެއް ކުރަން ނިންމާފައެވެ.
އެޗްޕީއޭއިން ކެއިންބުއިމުގެ ޚިދުމަތްދޭ ތަންތަން ރޭގަނޑު 8:00 ގައި ބަންދުކުރުމަށް އަންގާފައިވާއިރު، އެތަންތަނުން ޓޭކްއަވޭގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައި ވަނީ ރޭގަނޑު 10:30 ވަންދެނެވެ.