ކޮވިޑް-19: ފައްސިވީ އަދަދު އަދިވެސް 100އިން މަތީގައި
ކޮވިޑް-19 އަށް ރާއްޖެއިން މިއަދު 149 އިތުރު މީހުން ފައްސިވެ 138 މީހުން ބަލިން ރަނގަޅު ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާއްމުކޮށްފައިވާ ސާވޭލަންސް ޑޭޓާއަށް ބަލާއިރު މިއަދު ރާއްޖެއިން ކޮވިޑަށް ފައްސި ވެފައިވަނީ މާލެއިން 120 މީހުންނާއި، އަތޮޅުތެރެއިން 4 މީހަކާއި، ހިންގަމުން އަންނަ ރިސޯޓުތަކުން 18 މީހަކާއި ތަރައްޤީ ކުރަމުން އަންނަ ރަށްތަކުން 7 މީހެކެވެ.
މިހާރު ރާއްޖެއިން މިބައްޔަށް ޖުމްލަ 22،662 މީހުން ފައްސި ވެފައިވެއެވެ.
ރާއްޖެއިން މިހާރު ކޮވިޑް ބަލިން ފަސޭހަ ވެފައިވަނީ ޖުމްލަ 20،142 މީހުންނެވެ. އަދި މިހާތަނަށް މިބަލީގައި ރާއްޖެއިން 66 މީހުން ނިޔާވެެފައިވެއެވެ.
ހޮސްޕިޓަލުތަކުގައި މިހާރު ފަރުވާ ހޯދަމުން ދަނީ 90 މީހުންނެވެ.
ރާއްޖެއިން ކޮވިޑަށް ޓެސްޓު ކުރަން މިހާރު 612،223 ސާމްޕަލް ނަގައިފައި ވެއެވެ.
ރާއްޖޭގައި މިފަހަކަށް އައިސް ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވުމަށްފަހު، މިއަދު މިވަނީ އަދަދު ތަންކޮޅެއް ދަށަށް ގޮސްފައެވެ.
އެހެންކަމުން އެޗްޕީއޭ އިން އަނެއްކާވެސް ވަނީ ކޮވިޑް ފެތުރުން ކޮންޓްރޯލު ކުރުމަށް ބައެއް ފިޔަވަޅުތައް އަޅާފައެވެ. އެގޮތުން އިރުއޮއްސި 6:00 އިން ފެށިގެން އަނެއް ދުވަހުގެ ހެނދުނު 6:00 އަށް މާލެ ސަރަޙައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާ ކޮށްފައިވާއިރު ރޭގަނޑު 11:00 އިން ފަތިހު 4:30 އަށް ބޭރުގައި އުޅުން ވެސް މަނަލެވެ. މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިހާރު މާސްކު އެޅުން ވެސް މަޖުބޫރު ކޮށްފައިވާއިރު، ފަސް މީހުންނަށްވުރެ ގިނައިން ބޭރުގައި އުޅުން ވެސް ވަނީ މަނާ ކޮށްފައެވެ.