ޚަބަރު ރައްޔިތުންގެ މަޖިލިސް

އަބަދު ޝަކުވާނުކޮށް، ހާލަތަށް ފިޓްވުމަށް ޕީޕީއެމް އަށް މެންބަރު އީވާ ގޮވާލައިފި

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

އިދިކޮޅު މައި ޕާޓީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އިން އަބަދު ވެސް ކުރަނީ ޝަކުވާ ކަމަށާއި ޝަކުވާ ކުރުމުގެ ބަދަލުގަައި ހާލަތަށް ފިޓްވެ, ކެންޕެއިން ހަރަކާތްތައް ކުރިޔަށް ގެންދިއުމަށް މަޖިލީހުގެ ނައިބު ރައީސާ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

Ads by STELCO

އީވާ މިހެން ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިހާބުގައި ކެމްޕޭނު ކުރުމަށް ހަމަހަމަ ފުރުސަތު ނުލިބޭކަމަށް ބުނެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު މިއަދު މަޖިލީހަށް ހުށަހެޅުވި މައްސަލައިގައި ބަހުސްގައެވެ.

އީވާގެ ވާހަކަފުޅުގައި ވިދާޅުވީ، މިއަދު ދުނިޔެ މިއޮތީ ބޮޑު ޕެންޑަމިކެއްގައި ކަމަށާއި ދަތުރުފަތުރު ކުރުމަކީ އުނގަދޫ ކަމެއްކަން ދަނެ، އިތުރު ގޮތް ގޮތް ހޯދަން ޖެހޭ ކަމަށެވެ. އަދި ހާލަތަށް "ފިޓް" ވާން ޖެހޭ ކަމަށް ޕީޕީއެމް އިން ދަސް ކުރަން ޖެހޭ ކަމަށް އީވާ ވިދާޅުވިއެވެ..

"ދުނިޔޭގެ ހާލަތު މިއަދު އެންމެނަށް އިނގޭ. ބޮޑު ޕެންޑަމިކްއެއްގައި ކަން ވެސް އަޅުގަނޑުމެންނަށް އިނގޭ. ސިޔާސީ ހަރަކާތްތައްވެސް ކޮންމެވެސް ވަރަކަށް ބަދަލުވާން ޖެހިފައިވާކަން ވެސް އެންމެނަށް އިނގޭ." އީވާ ވިދާޅުވިއެވެ.

އީވާ އިތުރަށް ވިދާޅުވީ، އެމްޑީޕީއަކީ ރަށްރަަށަށް ގޮސް ކެންޕެއިން ކުރަން ފަރިތަ ބައެއް ކަމަށާއި އެކަން ކުރަން އެޕާޓީންވެސް އިންތިހާއަށް ބޭނުންވާ ކަމަށެވެ. ނަމަވެސް ހާލަތަށް ރިޢާޔަތްކޮށްފައި، އެއީ ކުރެވޭނެ ކަމެއް ނޫންކަން ދެނެތިބެ، ޒޫމް މެދުވެރިކޮށް ޖަލްސާ ބާއްވަމުން އަންނަ ކަމަށްވެސް އީވާ ވިދާޅުވިއެވެ.

"އެމްޑީޕީއަށްވުރެ، ރަށްރަށް ގޮސް، މަގުމައްޗަށް ގޮސް، މެގަ ފޯންތައް ހިފައިގެން ސްޕީޗް ނުދެވުނީ ދެރަވާނެ. އެއީ އަޅުގަނޑުމެން އެންމެ ފަރިތަ މަސައްކަތް" އީވާ ވިދާޅުވިއެވެ.

އީވާގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، އެމްޑީޕީއިން ރައީސް ޔާމީންގެ ވެރިކަމުގައި ވަރަށް ގިނަ ފިއްތުންތަކާއެކުގައި ވެސް މަސައްކަތްކޮށް، ޝަކުވާގެ ބަދަލުގައި ރައްޔިތުންނަށް އުންމީދާއި ވަޢުދުތައް ވެގެން އިންތިޚާބު ކާމިޔާބު ކުރި ކަމަށެވެ. އަދި މިއަދު ޕީޕީއެމްއިން ހާލަތަށް ފިޓްވެ، ޝަކުވާ ނުކޮށް، ރައްޔިތުންނަށް އުންމީދު ދައްކުވައިދެން ޖެހޭ ކަމަށްވެސް އީވާ ވިދާޅުވިއެވެ. އީވާ އިތުރަށް ވިދާޅުވީ، އެމްޑީޕީގެ އަތޮޅު ކައުންސިލް ރައީސް ކަމަށް ވާދަ ކުރައްވާ ކެނޑިޑޭޓުން  ކަރަންޓީން ފުރިހަމަ ކުރުމަށްފަހު ދަތުރު ކުރައްވާ ކަމަށާއި އަދި އެމްޑީޕީގެ މަޖިލިސް މެންބަރުން ވެސް ކަރަންޓީން ފުރިހަމަ ކުރެއްވުމަށްފަހު ދާއިރާގައި ކެންޕެއިން ކުރެއްވުމަށް ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އަދި މިއީ ހާތަލަށް ފިޓްވުން ކަމަށް އިޝާރާތް ކުރައްވާ އީވާ ވިދާޅުވީ މިފުރުސަތު ޕީޕީއެމްގެ މެންބަރުންނަށް ވެސް އެބައޮތް ކަމަށެވެ.

"ހާލަތަށް ފިޓްވާން އަޅުގަނޑުމެން ދަސްކުރަނީ. ޕީޕީއެމް އިންވެސް ދަސްކުރަން އެބަ ޖެހޭ ހުއްޖަތު ބަނދިއެއްގެ ބަދަލުގައި، ރައްޔިތުންނާ ވާހަކަ ދައްކަން ދަސްކުރަން އެބަ ޖެހޭ. ޝަކުވާގެ ބަދަލުގައި ރައްޔިތުންނަށް އުންމީދެއް ދައްކަން އެބަ ޖެހޭ." އީވާ ވިދާޅުވިއެވެ.

ލޯކަލް ކައުންސިލް އިންތިޚާބަށް ކުޑަ ދުވަސްކޮޅެއް ވެފައިވާއިރު، އިންތިޚާބުގެ ކެންޕެއިން ހަރަކާތްތައް ދަނީ ހަލުވި ބާރު މިނެއްގައި ކުރިޔަށެވެ.

Ads by Ooredoo
  1. ޚަލޯބެ

    ކަލޭމެން އެންމެ ރަގަޅުވާނީ މަގުމަތީގައި އުޅެން!! ތީކީ ވެރިކަން ކުރަން އެނގޭ ބައެއްނޫން! ޕެންޑަމިކް ބަހަނާއަކަށް ހަދައިގެން ލިބުނު އެހީތަކާއި ނެގިހާލޯނިތައް ދަވާލީ!!