ޚަބަރު

ސީލައިފް އައްމަޓީ ރާއްޖެ ގެނެސްފި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓު އެޅުމަށް ހަވާލުކުރި ސީލައިފް ކުންފުނީގެ ވެރިޔާ އަޙްމަދު މޫސާ (އައްމަޓީ) ސްރީލަންކާއިން ހައްޔަރުކޮށް ރާއްޖެ ގެނެސްފިއެވެ.

Ads by STELCO

މިހާތަނަށް އައްމަޓީ ރާއްޖެ ގެނައުން ލަސްވަނީ އޭނާގެ މައްސަލައެއް ލަންކާ ފުލުހުން ބަލަމުން އަންނާތީކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި މިހާރު އޭނާގެ މައްސަލަ ލަންކާ ފުލުހުން ތަހުގީގް ކޮށް ނިމުމުން އޭނާ ވަނީ ދިވެހި ފުލުހުންގެ ބެލުމުގެ ދަށުން ރާއްޖެ ގެނެސްފައެވެ.

އައްމަޓީ ފިލައިގެން އުޅޭތީ، އޭނާ ހޯދަން 2019 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައިވާއިރު އޭނާ ހައްޔަރުކޮށްފައި ވަނީ ފެބުރުއަރީ 21 ވަނަ ދުވަހުގެ ރެއެވެ.

އައްމަޓީއަކީ 3،000 ފުލެޓު އެޅުމުގެ މަސައްކަތްކުރަން ހަވާލު ކުރުމުން އެތަންތަން ވިއްކުމުގެ ނަމުގައި އެތައް ސަތޭކަ ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު އެތަންތަނުގެ އެއްވެސް މަސައްކަތެއް ނުކޮށް ފިލައިގެން އުޅޭ މީހެކެވެ.

މި މައްސަލައިގައި އައްމަޓީގެ ކުންފުންޏަށް ފައިސާ ދެއްކި ފަރާތްތަކުން ކޯޓުގައި ދައުވާ ކުރުމުން އެ ދައުވާކުރި 203 މީހުންނާއެކު ކޯޓުން ބޭރުގައި ސެޓުލްމެންޓު އެއްބަސްވުމެއް ހަދައި 45 މިލިއަން ރުފިޔާގެ ބަދަލު ކަނޑައަޅައި އެ މީހުންނަށް ސަރުކާރުން ހިންގާ ހައުސިން މަޝްރޫޢުތަކުން ފުލެޓު ގަތުމަށް ފުރުޞަތު ލިބޭ ގޮތަށް މައްސަލަ ނިންމާފައިވެއެވެ. އެޗްޑީސީން މިހާރު ވަނީ ސީލައިފުން ގެއްލުން ލިބުނު ވަރަށް ގިނަ މީހުންނަށް ބަދަލުގެ ގޮތުގައި ފައިސާ ދީފައެވެ. މި ފައިސާ ސީ ލައިފް ކުންފުނިން އަނބުރާ ހޯދާނެ ގޮތަކީ ކޮބައިކަން އަދި އޮތީ ސާފު ނުވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!