ސިވިލް ސާވިސް މުވައްޒަފުންނަކީ "މޫނެއް ނެތް، އަޑެއް ނެތް" ބައެއް ކަމަށް ވިދާޅުވުމުން ސަލީމަށް ނުރުހުން
ސިވިލް ސާވިސް މުވައްޒަފުންނަކީ "މޫނެއް ނެތް، އަޑެއް ނެތް" ބައެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ސަލީމް ވިދާޅުވުމުން، އެތައް ބައެއްގެ ނުރުހުން އަމާޒު ވެއްޖެއެވެ.
ސިވިލް ސާވިސްގެ ގާނޫނަށް ބަދަލު ގެންނަން މަޖިލީހަށް ހުށަހެޅި ބިލެއްގެ ބަހުސްގައި އިއްޔެ ސަލީމް ވިދާޅުވީ ސިވިލް ސާވިސް މުވައްޒަފަކަށް "ބޭނުންހާ އެއްޗެއް ނުލިޔެވޭނެ، ބޭނުންހާ ވާހަކައެއް ނުދެއްކޭނެ" ކަމަށެވެ. ސަލީމްގެ ވާހަކަފުޅުން ގިނަ މީހުންނަށް ދޭހަވީ ސިވިލް ސާވިސްގެ ވަޒީފާއަކަށް ދާ މީހާ އެ ވަޒީފާއަށް އެ ދަނީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ދޫކޮށްލަން އެއްބަސްވެގެން ކަމަށް ވިދާޅުވާ ކަމަށެވެ.
"އޭނާއަކީ ވަޒީފާގެ އެއްބަސްވުމުގައި ސޮއިކުރާ ހިސާބުން ކަށްވަޅަށް ދާންދެން އަނގަ މަޑުންލައިގެން ހުންނަން ޖެހޭ މީހެއް،" މެމްބަރު ސަލީމް ވިދާޅުވި އެވެ.
ސަލީމްގެ އެ ވާހަކަފުޅަށް ވަރަށް ގިނަ ސިވިލް ސާވަންޓުންނާއި އާންމުން ވެސް ނުރުހުން ފާޅުކުރިއެވެ. އެވާހަކަތަކާމެދު ކަންބޮޑުވުން ފާޅުކުރި މީހުން ފާހަގަ ކުރި ގޮތުގައި އެހެން ރައްޔިތުންނެކޭ އެއްފަދައިން ސިވިލް ސާވަންޓުންނަށް ވެސް ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަން އޮންނަން ވާނެއެވެ.
ހޯރަފުށީ ދާއިރާގެ މެމްބަރުގެ އެ ވާހަކަފުޅާ ނުރުހުން ފާޅުކުރި އެކަކު ޓްވިޓާ މެދުވެރިކޮށް ސުވާލު ކޮށްފައިވަނީ އޭނާ ފަދަ ސިވިލް ސާވަންޓުންނަކީ "އަޅުންތޯ" އާއި އެ މީހުންނަށް އަސާސީ ހައްގުތައް ލިބިގެން ނުވަނީތޯ އެވެ. އޭނާ އެ ސުވާލު ކުރީ ސިވިލް ސާވިސް ކޮމިޝަންގެ ޓުވިޓާ ހޭންޑުލްއާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ނުރަސްމީ ޓުވިޓާ ހޭންޑުލް ޓެގްކޮށް އެކަމާ ދޭތެރޭ ދެކެނީ ކިހިނެއްތޯ ސުވާލު ކުރަމުންނެވެ.