ޅޮހީގެ މޮނިޓަރިން ހާލަތު އުވާލައިފި

ނ.ޅޮހީގައި އިއުލާނު ކޮށްފައި އޮތް މޮނިޓަރިންގެ ހާލަތު 13 ދުވަސް ފަހުން އުވާލައިފިއެވެ.
ޅޮހީގެ މޮނިޓަރިންގެ ހާލަތު އުވާލާފައި ވަނީ ފާއިތުވި 2 ދުވަސް ތެރޭގައި އެރަށުން އެއްވެސް މީހަކު ފައްސިވެފައި ނުވުމުގެ ސަބަބުން ކަމުގައި ޅޮހީ ކައުންސިލްގެ ނައިބު ރައީސް ފާތިމަތު ނައީމާ ހަވާލާދީ "ސީއެންއެމް"ގައި ވަނީ ރިޕޯޓު ކޮށްފައެވެ.
ޅޮހީގައި ބަލި ފެތުރިފައި ވަނީ އެރަށުގައި ހޯމް ކަރަންޓީނުގައި ތިބި ބަޔަކު ކަރަންޓީނާ ހިލާފުވުމުގެ ސަބަބުންނެވެ.
އެގޮތުން މި ކްލަސްޓާއިން ޖުމްލަ 25 މީހަކު ފައްސިވިއިރު، ތިން މީހަކު ވަނީ މިހާތަނަށް ބަލިން ރަނގަޅުވެފައެވެ. މި ކްލަސްޓާ އާ ގުޅުން ހުރި، 100 ކޮންޓެކްޓުންގެ ސާމްޕަލް ރޭ ވެސް ވަނީ ނަގާފައެވެ.
ޅޮހި ކްލަސްޓާ އާ ގުޅުން ހުރި ކޭސްތަކެއް އެ އަތޮޅު ވެލިދޫއިން ވެސް ފެނިފައިވެއެވެ.