ޚަބަރު

14 އަހަރުގެ އަންހެން ކުއްޖާގެ ރޭޕްގެ މައްސަލަ މަޖިލީހުން ބަލައިދިނުމަށް އެދިއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އުތުރުގެ ރަށެއްގައި އުމުރުން 14އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި ކަމަށް ބުނާ މައްސަލަ ރައްޔިތުންގެ މަޖިލީހުން ބަލައިދިނުމަށް މަޑުއްވަރީ ދާއިރާ މެމްބަރު އަދި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފު ޢުމަރު އެދިވަޑައިގެންފިއެވެ.

Ads by STELCO

އެމައްސަލަ މަޖިލީހުން ބަލައިދެއްވުމަށް އެދި ހުށަހަޅުއްވަމުން އާދަމް ޝަރީފު އުމަރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް މިއަދު ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ މި މަހުގެ ފުރަތަމަ ހަފްތާގައި ކުޑަ ކުއްޖާ ކިޔަވާ ސްކޫލް ކައިރީގައި ހުންނަ ގެސްޓްހައުސްއަކަށް ބަޔަކު ވައްދައި، މަރާލާނެ ކަމުގެ ބިރު ދައްކައި، އެ ކުއްޖާ ރޭޕްކޮށްފައިވާކަމަށް ކަމާ ބެހޭ ފަރާތްތަކަށް ކިޔައިދީފައިވާކަމަށް އިތުބާރުހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ކަމަަށެވެ.

މި ހާދިސާ ހިނގިތާ މިހާރު ދުވަސްތަކެއް ވެފައިވާއިރު، މިހާތަނަށް އެ މައްސަލައިގައި އެއްވެސް މީހަކާ ފުލުހުން ސުވާލުކޮށްފައި ނުވާކަމަށާއި އެއީ އަނިޔާ ލިބުނު ކުއްޖާއަށް އިންސާފު ލިބޭނެ ކަމާމެދު ސުވާލު އުފެދޭ ކަމެއް ކަމަށް ވެސް އާދަމް ޝަރީފު ވިދާޅުވެފައިވެއެވެ.

"މިއީ، ކަމާބެހޭ މުއައްސަސާތަކުން ގަނޫނީ ފިޔަވަޅު އެޅުމަށް ފަސްޖެހެމުންދާކަން ދޭހަވާ އަދި އަންހެނުންނަށް ޖިންސީ ގޯނާ ކުރުމާއި ރޭޕް ކުރުންފަދަ ސީރިއަސް މައްސަލަތަކާމެދު އެއްވެސް ވަރެއްގެ ސަމާލުކަން ނުދޭކަން ދޭހަވާ ކަމެކެވެ. އަންހެން ކުއްޖާ ކަމާބެހޭ ފަރާތްތަކަށް ހާދިސާ ކިޔާދީފައިވާތީވެ، ރޭޕް ކުރި މައްސަލަ، ވީއެންމެ އަވަހަކަށް ރައްޔިތުންގެ މަޖިލިސް ކޮމިޓީތަކަށް ހުށަހަޅުއްވައިގެން ބަލައިދެއްވުމަށް އެދެމެވެ." އާދަމް ޝަރީފު ފޮނުއްވި ސިޓީގައި ވިދާޅުވެފައިވެއެވެ.

އުމުރުން 14 އަހަރުގެ އެ އަންހެން ކުއްޖާއަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު އުފުލާފައިވަނީ ސްކޫލެއްގެ ޓީޗަރަކާއި އިތުރު 3 މީހަކަށެވެ. އެމީހުން އަދިވެސް ހައްޔަރު ކޮށްފައި ނުވުމުން އެރަށުގައި މިއަދު ވެސް ވަނީ މުޒާހަރާ ކޮށްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!