ކައުންސިލް އިންތިހާބުގައި ވޯޓު ލެވޭ މީހުންގެ ލިސްޓު އާންމުކޮށްފި

ލޯކަލް ކައުންސިލް އިންތިހާބު އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓު އިލެކްޝަންސް ކޮމިޝަން، އީސީން އާންމު ކޮށްފިއެވެ.
އީސީގެ ރައީސް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ލޯކަލް ކައުންސިލް އިންތިހާބު އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި 18 އަހަރު ފުރިގެން ވޯޓުލުމުގެ ހައްގު 5134 މީހުންނަށް އަލަށް ލިބިފައިވާއިރު، އެ އިންތިހާބުގައި ޖުމްލަ 273128 މީހުންނަށް ވަނީ ވޯޓު ލުމުގެ ހައްގު ލިބިފައިވާ ކަމަށެވެ.
އީސީ ޝަރީފް ކުރެއްވި ޓްވީޓަށް އާންމުންގެ މީހަކު ވަނީ ކަރަންޓީނުގައި ތިބޭ ފަރާތްތަކަށް ވޯޓު ލެވޭނެ ތޯ އާއި އެ ފަރާތްތަކަށް ވޯޓު ލުމުގެ އިންތިޒާމް ހަމަޖެހިފައިވޭތޯ ސުވާލު ކުރައްވާފައެވެ. އެ ސުވާލުގެ ޖަވާބުގައި ޝަރީފް ވިދާޅުވީ، ކަރަންޓީނުގައި ތިބޭ ފަރާތްތަކަށްވެސް ވޯޓު ލެވޭނެ ކަމަށާއި އެކަމުގެ އިންތިޒާމްތައް މިހާރު ހަމަޖެހިފައިވާނެ ކަމަށެވެ. އަދި ވަރަށް އަވަހަށް އެޗްޕީއޭ އިން އެކަމާ ބެހޭ އިތުރު މަޢުލޫމާތު އާންމު ކުރާނެ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.
ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓުލުން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހެވެ.