ލުއި ޚަބަރު

ވައްކަން ކުރަން އުޅުނު ވަގަކު ނާކާމިޔާބު ވީ ގޮތުން ގިނަ ބައެއްގެ ސަމާލުކަމަށް

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ތައިލޭންޑްގައި ގެއަކުން ވައްކަން ކުރަން ދިޔަ މީހަކު އެ ގޭގައި ނިދާފައި އޮއްވާ ހައްޔަރު ކޮށްފިއެވެ.

Ads by MWSC

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އޭނާ އެ ގެއަށް ގޮސްފައި ވަނީ އަގުހުރި އެއްޗެއް ވަގަށް ނެގުމަށެވެ. ނަމަވެސް ފުލުހުން ވަނީ އެ މީހާ އެގޭގައި ނިދާފައި އޮއްވާ ހައްޔަރު ކޮށްފައެވެ. 

ބޭރުގެ މީޑިއާތަކުން ބުނާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މި ހިނގާ މާރިޗް މަހުގެ 22 ވަނަ ދުވަހުއެވެ. އެ ގޭތެރޭގައި އޭނާ ނިދާފައި އޮއްވާ ފެނުނީ އެ ގޭގައި އުޅޭ މީހަކަށެވެ. ފުލުހުން ހާމަ ކުރި ގޮތުގައި އޭނާ ހޭލެއްވުމުން ވެސް ވާނުވާ ނޭނގިފައި ހުރި ކަމަށެވެ. އަދި އޭނާ ހައްޔަރު ކުރުމުން ވެސް ކަންހިނގައި ދިޔާ ގޮތް ނޭނގި ހައިރާންވެފައި ހުރި ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ. 

ރިޕޯޓްތައް ބުނާ ގޮތުގައި އެއީ އުމުރުން 22 އަހަރުގެ އަތިޓް ކިން ކުންތުޑް ނަމަކަށް ކިޔާ މީހެކެވެ. އަދި އޭނާ ވައްކަން ކުރާނެ ގެއެއް ހޯދަން އުޅުނު ކަމުގައި ވެސް ރިޕޯޓުގައި ބުނެފައިވެއެވެ.

އަތިޓް ވައްކަން ކުރަން ގޮސްފައި ވަނީ ފުލުސް އޮފިސަރެއްގެ ގެއަށެވެ. އަދި އޭނާ ނިދާފައި ވަނީ ފުލުސް އޮފިސަރުގެ ދަރިފުޅުގެ ކޮޓަރީގައެވެ.  

މި ހާދިސާގައި އަތިޓްއަށް އެއްވެސް އެއްޗެއް ވަގަށް ނުނެގުނު ކަމުގައި ވިޔަސް ވައްކަން ކުރަން މަސައްކަތް ކުރި ކަމުގެ ދަޢުވާ އޭނާގެ މައްޗަށް ވަނީ އުފުލާފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!