ހިންނަވަރުން ކުއްލި ގޮތަކަށް ނިޔާވި މީހާ ކޮވިޑް-19 އަަށް ފައްސި
ޅ. ހިންނަވަރުން އިއްޔެ ކުއްލި ގޮތަކަށް ނިޔާވި މީހާ ކޮވިޑް-19 އަަށް ފައްސިކަން ހާމަ ވެއްޖެއެވއ.
އިއްޔެ ކުއްލި ގޮތަކަށް ނިޔާވި މީހާ ކޮވިޑަށް ޓެސްޓު ކުރުމަށް ނެގި ސާމްޕަލްގެ ނަތީޖާ ފައްސިކަން ހާމަ ކުރައްވާފައި ވަނީ ޅ.އަތޮޅު ހޮސްޕިޓަލުންނެވެ.
"ޅ.ހިންނަވަރުން މި ހޮސްޕިޓަލަށް ގެނެވުނުއިރު ނިޔާވެފައިވާ މައްޔިތާގެ ސުންކު (ސާމްޕަލް) ވަނީ ކޮވިޑް19 އަށް ފައްސިވެފައި" އެހޮސްޕިޓަލްގެ ފޭސްބުކް ޕޭޖުން ކޮށްފައިވާ އިއުލާނުގައި ވެއެވެ.
"ދެން" އަށް މައުލޫމާތު ދެއްވަމުން ހިންނަވަރު ހެލްތު ސެންޓަރުގެ އޮފިޝަލް އަހުމަދު އާސިމް މޫސާ އިއްޔެ ވިދާޅުވީ، ނިޔާވެފައި ވަނީ އުމުރުން 60 އަހަރުން މަތީގެ ދިވެހި ފިރިހެނެއް ކަމަށާއި އޭނާ ނިޔާވީ ނައިފަރުގައި ކަމަށެވެ.
ނިޔާވި މީހާ ޅަވިޔަނި އަތޮޅު ހޮސްޕިޓަލަށް ގެންދިޔައީ ސްޓްރޯކެއް ޖެހިގެން ކަމަށް މައުލޫމާތު ލިބޭ ކަމަށާއި، އެމީހާ ކޮވިޑަށް ޓެސްޓު ކުރުމުގައި ގައިޑްލައިންތަކާ އެއްގޮތަށް ހުރިހާ ކަމެއް ކުރިއަށް ގެންދެވުމާ ހަވާލުވެ ހުންނެވީ ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ.ނަޒްލާ ރަފީޤް ކަމަށް ވެސް އާސިމް ވިދާޅުވިއެވެ.
މިއީ ރާއްޖޭގައި ކޮވިޑް ބަލީގައި ނިޔާވި 67ވަނަ މީހާއެވެ.
މާތް ﷲ އެ މައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވާ، ފާފަ ފުއްސަވާ ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މިފަދަ ހިތްދަތި ވަގުތެއްގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون